06 Nov 2012, 22:00
ދިވެހިރާއްޖެ އަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ޓަކައި ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ނުވަތަ ބޭރު ގައުމުތަކުގެ ސަރުކާރު ހިއްޞާވާ ކުންފުނިތައް ގުޅިގެން، ރާއްޖޭގައި އިންވެސްޓްމަންޓް ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގޮތަށް ނިންމީ، ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގައި އިތުރު އިންވެސްޓްމަންޓްތައް ކުރުމުގެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އެ މަޝްވަރާ ކުރެއްވުމަށް ފަހު، އެކަމަށް އެކުލަވައިލި ސިޔާސަތެއްގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް ނިންމި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ދިވެހިރާއްޖެ އަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމުގެ މަގު ފަހިކުރުމާއި ރާއްޖެއާ ރަޙްމަތްތެރި ގައުމުތަކުގެ ސަރުކާރުތައް މެދުވެރިވެގެން އަންނަ އެކިއެކި އިންވެސްޓްމަންޓްތައް ސަރުކާރުން ބަލައިގަންނާނެ އުޞޫލެއް ކަނޑައަޅައި އެފަދަ ސިޔާސަތެއްގެ ދަށުން އެކަންކަން ޢާންމުކޮށް ހާމަކުރުމަކީ ރާއްޖެ އަށް ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމެއްކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަށް ގެންނަ އިރު، ދައުލަތުން ރައްޔިތުންނަށް ފޯރުވައިދޭން ޖެހޭ އަސާސީ ޚިދްމަތްތައް ޤާއިމްކުރުމާއި އެ ޚިދްމަތްތައް އިތުރުކޮށް ފުޅާކުރުމާއި ޚިދްމަތްތަކުގެ ފެންވަރު މަތިކުރުމާއި އެ ޚިދްމަތްތައް މިހާރަށް ވުރެ ހެޔޮ އަގެއްގައި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިވާ ފަދަ މަޝްރޫޢުތަކާއި ރާއްޖޭގެ އިގްތިޞާދީ ބިންގާ ފުޅާކުރުމަށް މަގުފަހިވާނެ މަޝްރޫޢުތައް ގެނައުމަށް އިސްކަންދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މެންބަރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެކްސްޕޯޓް އިތުރުކޮށް، އިމްޕޯޓް ސަބްސްޓިޓިއުޝަނަށް މަގުފަހިވާ ފަދަ މަޝްރޫޢުތަކާއި ދިވެހިންނަށް ވަޒީފާ އާއި ވިޔަފާރީގެ ފުރްޞަތުތަކާއި ފުޅާ ދާއިރާއެއްގައި ހުނަރުވެރިކަން އިތުރުކޮށްދޭނެ މަޝްރޫޢުތަކަށް ސަމާލުކަން ދިނުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް އެ އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިގު މުއްދަތަކަށް ކުއްޔަށްދީގެން ދަނޑުވެރިކަމަށާއި ކުކުޅު ގެންގުޅުމަށާއި މެރިކަލްޗާގެ މަސައްކަތްތައް ކުރުމަށް ށ. މާކަނޑޫދުއާއި ށ. ފިރުނބައިދުއާއި ނ. މާކުރެއްދޫ ކަނޑައެޅުއްވުމަށް ވެސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.