16 Sep 2010, 12:43
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކުލަވާލެވިފައިވާ އެއްގަމު ދަތުރުފަތުރު ޤާނޫނުގެ އެ ޤަވާޢިދަށް އަމަލުކުރަން ފެށުމާ އެކު ރަޖިސްޓްރީ ނަންބަރު ބޯޑު ޤަވާޢިދާ ޚިލާފަށް ހަދައިގެން ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެޤަވާޢިދާ ޚިލާފުވާ ފަރާތްތައް 750 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ޤަވާއިދުގެ އަށް ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީ ކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް، އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ނަމޫނާގައި ފާހަގަކޮށްފައިވާ ގޮތަށް ނަންބަރު ބޯޑު ހަރުކުރުމަށްފަހުގަ އެވެ. އަދި އެ ގަވާއިދުގެ (ށ) ގައި ބުނާގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮޓުންނެވެ. މިއާއި ޚިލާފަށް ނަންބަރު ބޯޑުގެ އަކުރުތައް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.
އެގަވާއިދުގައި ބުނާގޮތުން މިމާއްދާގެ (ށ) އަށް އަމަލުކުރަން ފަށާނީ ޤަވާއިދު އިއުލާންކޮށް ޝާއިޢު ކުރާތާ 90 ދުވަހުގެ ފަހުންނެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް 90 ދުވަސްހަމަވެ، އޮގަސްޓް މަހު ޢަމަލުކުރުމަށް ކުރިން ހަމަޖެހިފައިވާ އެ ޤަވާޢިދަށް އަންނަ މަހު ޢަމަލުކުރަން ހަމަޖެހިފައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ގިނަކަމުންނާއި އެއްފަހަރާ ގިނަ ބަޔަކު ނަންބަރު ބޯޑުތައް ބަދަލުކުރުމަކީ ދަތިކަމަކަށް ވެދާނެތީ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށް ބުނެ އެވެ.