11 Mar 2010, 10:28
14:30
އައިޖީއެމްއެޗް ހިންގުމާ އިންޑިއާގެ އެޕޯލޯ ކުންފުނިން އަންނަ މެއި ނުވަތަ ޖޫން ހިސާބުގައި ހަވާލުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ޒުބެއިރު މުހައްމަދު މިއަދު ވިދާޅުވީ އެޕޯލޯ ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެ އެއްބަސްވުމުގައި ވާ ގޮތުން އައިޖީއެމްއެޗް ހިންގުމާ ބެހޭ ބިޒްނަސް ޕްލޭނެއް އަންނަ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރަށް ހުށަހަޅަންޖެހޭ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެ ގްރޫޕްގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ޒުބޭރު ވިދާޅުވި އެވެ.
ޒުބެއިރު ވިދާޅުވި އެ އެރިޕޯޓް އަންނަ އެޕްރީލް މަހުގެ ތެރޭގައި އެޕޯލޯ އިން ހުށަހެޅުމުން އިތުރު ދެ އެގްރީމެންޓެއްގައި ސަރުކާރާއި އެޕޯލޯ ގްރޫޕުން ސޮއިކުރާނެ ކަމަށެވެ. އަދި އައިޖީއެމްއެޗް ހިންގުން އެޕޯލޯއާ ހަވާލުކުރުމުގެ ކުރިން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ހެލްތް ކޯޕަރޭޝަން ޤާއިމްކޮށް، އެ ކުންފުނީގެ ދަށަށް އައިޖީއެމްއެޗް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒުބޭރު ވިދާޅުވި އެވެ.
ޒުބެއިރު އަދި ވިދާޅުވީ މިހާރު އެޕޯލޯގެ ފަރާތުން ތައްޔާރުކުރަމުންދާ ރިޕޯޓްގައި، އެ ކުންފުނިން އައިޖީއެމްއެޗް ހިންގުމަށް ގެންނަން ފެންނަ ބަދަލާއި ތަނުގެ މާހައުލު އިތުރަށް ރަނގަޅުކޮށް މުވައްޒަފުންނާއި ތަނުގެ ވަސީލަތްތަކަށް ގެންނަން ބޭނުންވާ ކުރިއެރުމާ ބެހޭ މައުލޫމާތު އެކުލެވިފައިވާނެ ކަމަށެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ފެމިލީ އަބްދުލްބާރީ އަބްދުﷲ މިއަދު ވިދާޅުވީ އިންޑިޔާގެ ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެ އެއްބަސްވުމަކީ އައިޖީއެމްއެޗުން އާއްމު ރައްޔިތުންނަށް ދެވޭ ޙިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް އެތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެޕޯލޯ ކުންފުނިންޏާ އައިޖީއެމްއެޗްގެ ހިންގުން ހަވާލުކުރުމަށް ކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ.
އައިޖީއެމްއެޗް ހިންގުމަށް އިންޑިޔާގެ އެޕޯލޯ ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވެފައިވާ އެ އެއްބަސްވުން ހެލްތް މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.
އެޕޯލޯއާއެކު ހެލްތް މިނިސްޓްރީން ވެފައިވާ އެ އެއްބަސްވުމުގައިވާ ގޮތުގައި އެޕޯލޯ ކުންފުނިން އައިޖީއެމްއެޗް ހިންގުމަށް ބޭނުންވާ ބިޒްނަސް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރުން އެ ކުންފުންޏަށް އެއް ލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އައިޖީއެމްއެޗް ހިންގުން އެޕޯލޯއާ ހަވާލުކުރުމަށް ހެލްތް މިނިސްޓްރީން އެޕޯލޯއާ އެކު ވެފައިވާ މި އެއްބަސްވުން އެ މިނިސްޓްރީން އާއްމުކޮށްފައި މިވަނީ އެޕޯލޯއާއެކު ވެފައިވާ އެ އެއްބަސްވުން ސަރުކާރުން އާއްމުނުކުރަނީ އެކަމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްގަނޑެއް ވާކަމަށް ބައެއް ސިޔާސީ ޕާޓީޔަކުންނާއި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނިކޮށެވެ. އަދި އެ އެއްބަސްވުމާ ބެހޭ ކޮޕީއެއް ހޯދުމަށް ބައެއް މީޑިޔާތަކުންނާ ސިޔާސީ ބައެއް ޕާޓީތަކުން ވެސް އެދިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ.