ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މިވޭތުވެ ދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް އިތުރުވަމުން އަންނަކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއި ކުރައްވާ އާންމު ކުރައްވާފައިވާ ޔޫތް އެންޑް ހިއުމަން ރިސޯސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ވަރާއި ބިދޭސީންގެ އަތުން ލިބެންޖެހޭ ވޯކް ވިސާ ފައިސާގެ ތަފްސީލްތައް ހިމަނައިފަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން 2009 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދަކީ 57968 މީހުންނެވެ. އަދި 2010 ވަނަ އަހަރު ނިމުނު އިރު އެ އަދަދު 83418 މީހުންނަށް އުފުލިފައިވާއިރު 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 99369 ބިދޭސީއަކު ރާއްޖޭގައި މަސައްކަތް ކުރަމުންދެ އެވެ.
ދެހާސް ދިހަވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ގޮތުގައި 25450 މީހުން އިތުރުވެ 44 ޕަސެންޓަށް ވަނީ އުފުލިފަ އެވެ. އަދި 2010 ވަނަ އަހަރާ އަޅާ ބަލާއިރު 2011 ވަނަ އަހަރުގެ ނުވަ މަސްދުވަހުގެ ތެރޭގައި އެ އަދަދު 19 ޕަސެންޓަށް އިތުރުވި އެވެ. އެއީ 15951 ބިދޭސީންގެ އިތުރުވުމެކެވެ.

ރާއްޖޭގައި އެންމެ ގިނައިން އުޅެނީ އެއްވެސް ބަގްލަދޭސްގެ ރައްޔިތުން ކަމަށްވާއިރު އެ މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އުޅެނީ ގަވާއިދާއި ހިލާފަށެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިންވެސް 18 ޕަސެންޓް މީހުން އުޅެނީ ގަވާއިދާއި ހިލާފަށެވެ. ރާއްޖޭގައި ގަވާއިދާއި ހިލާފަށް 45758 އުޅެމުންދެ އެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން ދައުލަތަށް 168.4 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ. އެއީ 2009 ވަނަ އަހަރުގެ ނިޔަލަށް 25.4 މިލިއަން ރުފިޔާ އާއި 2010 ވަނަ އަހަރު 83.4 މިލިއަން ރުފިޔާ އަދި 2011 ގެ ޖޫންގެ ނިޔަލަށް 59.6 މިލިއަން ރުފިޔާ ބިދޭސީންގެ ވިސާ ފީގެ ގޮތުގައި ލިބެންޖެހެ އެވެ.

އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ވަނީ އޮޕީނިއަންތަކެއްވެސް ދެއްވައިފަ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ ބިދޭސީންގެ އަތުން ހޯދަން ޖެހޭ ފައިސާ ހޯދައި އަދި ބިދޭސީން ރާއްޖޭގައި އިތުރުވައި ސަބަބުތައް ބަލައި އެކަމުގައި އިހުމާލުވާ ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.