06 Nov 2012, 20:09
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަމުން އަންނަ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ގޮވާލައި މަދަނީ އިއްތިހާދުން ތައްޔާރު ކުރި ޕެޓިޝަންގައި ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުށަހަޅާ ޕެޓިޝަންގައި 10.000 މީހުން ސޮއިކޮށްފި ކަމަށް އެ އިއްތިހާދުން މިއަދު ބުނެފި އެވެ.
މިއަދު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަދާލަތް ޕާޓީގެ ރައީސް ޝޭޙް އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް އަށް ފޮނުވުމަށް ސޮއިކަރަމުން ގެންދާާ ޕެޓިޝަންގައި މިހާރު ގާތް ގަނޑަކަށް 10،000 މީހުންނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށާއި އަދި އެކި ރައްތަކަށް 10،000 ފޯމަށްވުރެ ގިނާ ފޯމް ސޮއިކުރުމަށް ފޮނުވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ސޮއިކުރަމުން ގެންދާ މި ޕެޓިޝަންގައި ގާތްގަޑަކަށް 10،000 ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުންގެ ސޮއި އަޅުގަނޑުމެން އަތަށް ލިބިއްޖެ. ރާއްޖޭ އެކި ކަންކޮޅުތަކަށް 10،000 ފޯމަށްވުރެ ގިނަ ފޯމް މިހާރު ވަނީ ފޮނިވިފައި،" އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ރައީސް އަށް ފޮނުވުމަށް ސޮއިކަރަމުން އަންނަ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަކީ ހަރަކާތް ހިންގާ ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ސޮއިކުރާ ފައިލަކާއި އަދި ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން ސޮއި ކުރުމަށް ވަކި ހާއްސަ ފައިލްތަކެއް ވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ވެސް ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކުގެ ބޭފުޅުން ސޮއި ކުރައްވަމުން އަންނަ ކަމަށެވެ.
މިރެ އާއި ކުރިއަށް އޮތް ތިން ދުވަހުވެސް ޖީއެމްއާރު ބޭރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މާލޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ހަރަކާތަކީ އެއްގޮތަކަށް ވެސް ޖީއެމްއާރާއި ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި އެ ހަރަކާތަކީ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައި ދިނުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއާޕޯޓް ޖީއެމްއާރް އަތުން ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތް ކަމަށާއި އެކަމުގެ ފެހި ސިގްނަލް މިހާރުވެސް ލިބިފައިވާ ކަމަށެވެ.
ޖީއެމްއާރް އަތުން އެއާޕޯޓް ހޯދުމުގެ ގޮތުން މިމަހުގެ ނުވަވަނަ ދުވަހު "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" މިނަމުގައި ވަނީ ހާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖެހިފަ އެވެ.
މަދަނީ އިއްތިހާދުގެ ހަތް ޕާޓި ގުޅިގެން ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް ސަރުކާރާ ގުޅިފައިވާ އިއްތިހާދުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަން ޕާޓީތަކުން ވަނީ އިއުލާން ވެސްކޮށްފަ އެވެ.