ޗަމްޕާ ހުސެން އަފީފްގެ، ކާސާ ހޯލްޑިންގްސް އަށް ވިއްކާލާފައިވަނީ ގަން އެއާޕޯޓް ޑިވަލޮޕްކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ކަމަށާއި ގަން އިންޓްނޭޝަންލް އެއާޕޯޓް ނޫންކަމަށް އެސްޓީއޯގެ އަދި އޭއައިއޭގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ އަދި އޭއައިއޭގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯ އަދި ގަން އެއާޕޯޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ގަން އެއާޕޯޓް ޑިވަލޮޕްކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ 30 ޕަސެންޓް ހިއްސާ ޗަމްޕާ ހުސެން އަފީފްގެ، ކާސާ ހޯލްޑިންގްސް އަށް ވިއްކާލާފައިވީނަމަވެސް އެއީ އެއާޕޯޓް ވިއްކާލުން ނޫން ކަމަށާއި އެއީ އެކުންފުނީގެ ހިއްސާ ވިއްކާލުންކަމަށެވެ.

"ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ގަން އެއާޕޯޓުގެ 30 ޕަސެންޓް އަމިއްލަ ބަޔަކަށް ވިއްކާލެއްވީކަމަށް، ހަގީގަތުގައި މީގައި ވާގޮތަކީ ވަރަށް ސާފުކޮށް ގަން އެއާޕޯޓުގެ ގަމުގެ ބިމާ ގަމުގެ އިންފްރާސްޓްރަކްޗާ އާއި އެއާޕޯޓުގެ ފެސިލިޓިސްތަކުގެ 100 ޕަސެންޓް މިއޮތީ ދިވެހި ސަރުކާރުގައި، އެއީ ގަން އެއާޕޯޓް ލިމިޓެޑް އެކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުއްފުއްނެއް، އެހެން ކަމުން މުޅި އެސެޓް މިއޮތީ އެކުންފުނީގައި، ދެން އެކުންފުނިން އޭއައިއޭ ކުއްފުއްޏަށް މިއޮންނަނީ ކުއްޔަށްދީފަ 50 އަހަރަށް،"ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު ހިއްސާ ވިއްކާލާފައިވާ އޭއައިއޭއަކީ ގަން އެއާޕޯޓް 50 އަހަރު ދުވަހަށް ދީފައިވާ ކުންފުންޏެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ކާސާއަށް އެއާޕޯޓް ދިން އިރު ދިވެހި ކުންފުންޏަކަށްވުމުން އިސްކަން ދެއްވާފައިވާ ކަމަށާއި އެކަމުގައި އެއްވެސް ކޮރަޕްޝަނެއްނެތި އެކަންކޮށްފައިވަނީ ބިޑިން ޕުރޮސެސްގެ ތެރެއިން ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވުސް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު އިބްރާހިމް ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންއަށް ވިއްކި ނަމަވެސް އެ ކުންފުނީގެ ބާރު އޮންނާނީ ސަރުކާރަށް ކަމަށެވެ.

ކާސާ އަށް އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ވިއްކީ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހަރަދުވާނެ ކަމަށް ބަލައިގެންނެވެ. އެގޮތުން ހިއްސާ ވިއްކައިގެން އެ ޕްރޮޖެކްޓަށް 200 މިލިއަން ރުފިޔާގެ އިކުއިޓީއެއް ވަނީ ހޯދައިފަ އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް ޝޯޓް ލިސްޓް ކޮށްފައިވާ ތިން ކޮންޓްރެކްޓަރުންނާ އެކު މިއަދު ޕްރީބިޑް މީޓީން ބެއްވިފައިވާ ކަމަށާއި މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތުން މިމަހުގެ 28 ވަނަ ދުވަހު ބިޑް ސަބްމިޓް ކުރަންނިންމާފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަސްތެރޭގައި އެޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި ހިމެނެނީ ރަންވޭ ދިގުކުރުމާއި އޭޕްރަން މަރާމާތު ކުރުމާއި ރަންވޭ ރީސާފޭސް ކުރުމުގެ ގޮތުން ރަންވޭ މަތީގައި ތާރުގެ އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ސީ ޕްލޭން ބޭސްއެއް ގާއިމްކުރުމެވެ.