ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ފިޔޯރީގައި ފެންބޮޑުވެ، އެ ރަށުގެ ދަނޑުތަކާއި އަލަ އޮޅުތައް ހަލާކުވެއްޖެ އެވެ.

ފިޔޯރީ ރަށުކައުންސިލުން މިއަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގާ ދަނޑުވެރިންނަށް ވަރަަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށާއި ހާއްސަކޮށް އޮޅުބިމުގައި ފެންބޮޑުވުމުގެ ސަބަބުން އަލަގަސްތައް މަރުވުމުން ފޫނުބެއްދޭ ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

ފިޔޯރީ ރަށުކައުންސިލުގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ އެ ރަށުގެ ދަނޑުތަކާއި އޮޅުތައް ހަލާކުވުމުގެ ސަބަބުން މިލިޔަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި 80 އަލަ އޮޅާއި ތަރުކާރީއާއި އެނޫން ވެސް ބާވަތްތައް ހައްދާ 32 ދަނޑު އޮންނަ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައިގާ ޏ. ފުވައްމުލަކުގައި ވެސް ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.