06 Nov 2012, 16:41
ފުވައްމުލަކަށް ބޯކޮށް ވާރެވެހި ރަށުގެ ތިންބައިކުޅަ ދެބައި ފެނުއަޑީގައިވާ ކަމަށް އެ ރަށު އަތޮޅު ކައުންސިލުން ބުނެފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު މިއަދު ވިދާޅުވީ ރޭ އެ ރަށަށް ވެހެންފެށި ވާރޭ ބޯކޮށްލީ މިއަދު 11:00 ޖެހިއިރު ކަމަށެވެ. އަދި އެ އަށް ފަހު އެ ރަށަށް ބޯކޮށްވާރޭ ވެހެމުންދާ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
ފަޒާދު ވިދާޅުވީ ރަށުގެ ތިން ބައިކުޅަ ދެބައި އޮތީ ފެނުއަޑީގައި ކަމަށާއި ފުލުހުންނާއި ސިފައިންނާއި ކައުންސިލްތަކާއި އާންމުން ނުކުމެ ރަށުގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިއްކަމުންދާ ކަމަށެވެ. އަދި ރެޑްކްރެސެންޓުން ވެސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ ރަށު މެދުގައި ހުރި ހޮސްޕިޓަލުގައި ވެސް ފެންބޮޑުވެ ދެ ޕަމްޕު ބޭނުންކޮށްގެން ހޮސްޕިޓަލުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޯކޮށްވާރޭވެހި ފުވައްމުލަކުގައި ފެން ބޮޑުވެ އެ ރަށުގެ ގޭގެއަށް ފެންވަދެ ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެ އެވެ.
"އަޅުގަނޑުމެން ކައުންސިލުން އިލްތިމާސް ކުރަންބޭނުން ވަނީ ވާރޭވެހޭ އިރު ބޮޑު ގެއްލުމެއް ނުލިބެނީސް ފެން ޖެހި ހަލާކުވާ ތަކެތި ރައްކާތެރި ތަންތަނަށް ގެންދަން،" މެދަށް އަޑިކޮށް އޮންނަ ފުވައްމުލަކާ ބެހޭ ގޮތުން ފަޒާދު ވިދާޅުވި އެވެ.