06 Nov 2012, 16:29
މޮސްކޯ (ނޮވެމްބަރ 6): ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އެޤައުމުގެ ދިފާޢީ ވަޒީރު އަނަތޯލީ ސިރްދިކޯފް، މަޤާމުން ދުރުކުރައްވައި އައު ބޭފުޅަކު އެމަޤާމަށް ޢައްޔަން ކުރައްވައިފި އެވެ.
ކްރިމްލިންއާ ޙަވާލާދީ ރަޝިޔާގެ ރިޔާ ނޮވެސްޓީ ނޫސްއެޖެންސީ ބުނާ ގޮތުން ޕޫޓިން، މިގޮތަށް ނިންމެވީ ރަޝިޔާގެ ދިފާޢީ ވުޒާރާ އަށް ނިސްބަތްވާ ކުންފުންޏަކުން ދައުލަތަށް މަކަރު ހަދާފައިވާ މައްސަލައެއް ފެންމަތިވުމާގުޅިގެންނެވެ. މަކަރު ހެދުމާއި އޮޅުވާލުމުގެ މިމައްސަލައަކީ އެތައް ބިލިޔަން ރަޝިޔަން ރުބެލްގެ މައްސަލައެއް ކަމަށާއި ސިރްދިކޯފް މަޤާމުން ދުރުކުރީ މިމައްސަލައިގެ ތަޙްޤީޤް މުސްތަޤިއްލު ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށްވެސް ކްރިމްލިން އާ ޙަވާލާދީ ރިޔާ ނޮވެސްޓީ ބުނެ އެވެ.
ސަރްދިކޯވްގެ ބަދަލުގައި ދިފާޢީ ވަޒީރު ކަމަށް ޕޫޓިން ޢައްޔަންކުރެއްވީ ސަރްގީ ޝުވީގޯ އެވެ. އޭނާއަކީ މޮސްކޯ ސަރަޙައްދުގެ ގަވަރުނަރަކަށް މިއަހަރުގެ ކުރީކޮޅު ޢައްޔަން ކުރެވިފައިވާ ބޭފުޅެކެވެ. ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯ ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާގެ ދަށުން ހިނގާ ކުންފުންޏެއް ކަމަށްވާ "އޮބޯރޯ ނުސީފްސް" ކުންފުނިން ދައުލަތަށް މަކަރު ހަދާފައި ވަނީ ޢިމާރާތްތަކަކާއި ހިއްސާތަކެއް ވިއްކުމުގެ އިތުރުން ގިނަ ޢަދަދެއްގެ ބިން ވެސް ވިއްކާފައިވާ މައްސަލަތަކެއްގައެވެ. މީގެތެރެއިން ހަމައެކަނި ޢިމާރާތްތައް ވިއްކުމުގައި ހަދާފައިވާ މަކަރާއި އޮޅުވާލުންތަކުން ވެސް 74 މިޔަން ޔޫރޯގެ ގެއްލުމެއް ރަޝިޔާގެ މާލިއްޔަތަށް ލިބިފައިވާ ކަމަށް ޚަބަރު ލިބެ އެވެ. މިމައްސަލަ މިހާރުދަނީ ތަޙްޤީޤް ކުރަމުންނެވެ.
ދިފާޢީ ވަޒީރު ކަމުގެ މަޤާމުން ދުރުކުރެވުނު އަނަތޯލީ ސިރްދިކޯފް، އެމަޤާމާ ޙަވާލުވެވަޑައިގަތީ 2007 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. (ބީ.ބީ.ސީ)