އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް( ޕީޕީޕީ) އުސޫލުން ހިންގުމަށް އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ 30 ޕަސެންޓް ހިއްސާ އަމިއްލަ ކުންފުންޏަކަށް ވިއްކުމަށް ނިންމި ނިންމުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދުކޮށްފި އެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންޑިރެކްޓަރު ޝާހިދު އަލީގެ ގެކޮޅަށް ބަޔަކު ހަމަލާދިން މައްސަލަ ކުށްވެރިކޮށް އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ޕީޕީޕީ އުސޫލުން ހިންގުމަ އެމްޑީޕީގެ ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަމަށެވެ.

އަދި ބުނެފައި ވަނީ ސިޔާސީ ކޯޅުމާއި ސިޔާސީ ބޭނުންތަކާ ބާރުވެރިކަމުގެ ދަހިވެތިކަން ނުވައްދައި އައްޑޫ ރައްޔިތުންގެ ލާބައާއި މަންފާ އަށް އިސްކަން ދެއްވައިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރިއަށް ގެންދެވުމަށް އެ ޕާޓީން ކުރިން ވެސް ގޮވާލާފައިވާ ގޮވާލުން ތަކުރާކުރާ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުންނާއި އާއްމުކޮށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ތަރައްގީ އާއި ގުޅިފައިވާ މިފަދަ މުހިއްމު މަސައްކަތެއްގެ ތެރެއަށް ސިޔާސީ ކޯޅުމާއި ސިޔާސީ ބޭނުންތަކާ ބާރުވެރިކަމުގެ ދަހިވެތިކަން ނުވައްދައި އައްޑޫ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދެއްވައިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ ކުރިއަށް ގެންދެވުމަށް މިޕާޓީ އިން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަލް ސާވިސްކޮމިޝަނުގެ މެމްބަރު ގާސިމް އިބުރާހިމް އެސްޓީއޯ އާއި އޭއިއޭގެ މެނޭޖިންޑިރެކްޓަރު ޝާހިދު އަލީ އަށް ދެއްވި އިންޒާރާއި ޝާހިދުގެ ގެއަށް ބަޔަކު ގެއްލުން ދިން މައްސަލަ އެމްޑީޕީގެ ބަޔާނުގައި ހަރުކަށިކޮށް ކުށްވެރިކޮށްފައިވެ އެވެ.

"އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރެއްވުމަށް ޓަކައި ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވަނިކޮށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު އަދި އެސްޓީއޯގެ މެނޭޖިންޑައިރެކްޓަރު ޝާހިދު އަލީގެ ގެކޮޅަށާއި ކާރުކޮޅަށް ބަޔަކު ގެއްލުން ދިނުމަށް ހިންގާފައިވާ އަމަލުތައް މިޕާޓީން ވަރަށް ވަރުގަދަ އިބާރާތުން ކުށްވެރި ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ޝާހިދު އަލީއަށް ގާސިމު އިންޒާރުދެއްވި ދެއްވުމާ މެދު ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.