06 Nov 2012, 16:01
ގަން އިންޓަނޭޝަންގަން އެއާޕޯޓް ޑިވަލޮޕްކުރާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ އާންމު ފަރާތަކަށް ވިއްކާލުމާ ގުޅޭ ގޮތުން އެކަމާ ދެކޮޅަށް އެމްޑީޕީ މެންބަރަކު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމަށް ފަހު އަނބުރާ ގެންގޮސްފި އެވެ.
ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ގަރާރު އަނބުރާ ގެންގޮސްފައި ވަނީ ވެސް އިއްޔެ އެވެ.
ނަމަވެސް މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނިޒާމީ ނުކުތާ ނަންގަވައި، އޭއައިއޭގެ 30 ޕަސެންޓް ހިއްސާ އާންމު ފަރާތަކަށް ވިއްކާލުމާ ދެކޮޅަށް އެމްޑީޕީ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ ނާއިބު ރައީސް އަލީ ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.
އަދި އެ މައުލޫއުގައި ނިޒާމީ ނުކުތާ ނަންގަވައި މަޖިލީސް ވަނީ ހަލަބޮލިވެސްކޮށްލައިފަ އެވެ. ނަމަވެސް މަޖިލީސް ވަނީ ނިޒާމީ އޮއިވަރުގައި ޖެހި ކުޑަ ވަގުތަކަށް މެދުކަނޑާލައިފަ އެވެ. އަދި އޭގެ ފަހުގައި ވެސް މެންބަރުން ވަނީ ގަން އެއާޕޯޓް ހިއްސާ ވިއްކާލާފައިވާ މައްސަލަ ނިޒާމް ނުކުތާގެ ގޮތުގައި ފާހަގަކޮށްފަ އެވެ.