06 Nov 2012, 15:55
މިދިޔަ ޖުލައި މަހު ކާށިދޫގައި ފުލުސް އޮފިސަރު އާދަމް ހަލީމް މަރާލި ކަމަށް ތުހުމަތުކުރާ ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ ޝަރީއަތް ދެ ވަނަ ފަހަރަށް ކެންސަލް ކޮށްފި އެވެ.
މިއަދު 2:00 އަށް ޝެޑިއުލް ކުރި ޝަރީއަތުގެ މަޖިލީހަށް 2:20 އެހާކަންހާ އިރު ދައުވާ ލިބޭ ސަމާހު އާއި ނޫސްވެރިން ވެއްދުމަށް ފަހު 30 މިނެޓް ފަހުން ކޯޓުން ވަނީ ޝަރީއަތް ކެންސަލްވި ކަން އަންގައިފަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ސަމާހުގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ސަމާހުގެ ޝަރީއަތް ބޭއްވުމަށް ޝެޑިއުލްކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.
ލާންސް ކޯޕްރަލް ކާށިދޫ ކެތި، އާދަމް ހަލީމް ގަޔަށް ވަޅި ހަރައި މަރާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދިޔަ މަގުމަތީގަ އެވެ. އަދި އާދަމް ހަލީމްގެ ގަޔަށް ވަޅިހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ސަމާހުގެ ޝަރީއަތް ފަށާފައި ވަނީ ޖުލައި 31 ވަނަ ދުވަހު އެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރި، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އިއްވުމުން ސަމާހު ވަނީ ދައުވާ އަށް އިއުތިރާފުވެފަ އެވެ.
އެ ދުވަހުގެ ޝަރީއަތުގައި ސަމާހު ބުނީ އާދަމް ހަލީމްގެ ވާރުތަވެރިންގެ ކިބައިން މާފަށް އެދެން ބޭނުންވާ ކަމަށާއި ކުރެވުނުކުށަށް ތައުބާވެ އިސްލާހުވާން ބޭނުންވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މަނިކު ވިދާޅުވީ ކާށިދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް އާދަމް ހަލީމްގެ ވާރިސުންގެ ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ.
އާދަމް ހަލީމްގެ ހަނދާނުގައި ސަރުކާރުން ވަނީ ކާށިދޫގައި ތައުބީންގެ ޖަލްސާއެއް ބާއްވައި އޭނާ އަށް މަގާމުގެ ކުރިއެރުން ވެސް ދީފަ އެވެ. އަދި އޭނާ މަރާލި ދުވަހަކީ "ފުލުހުންގެ މެމޯރިއަލް ޑޭ"ގެ ގޮތުގައި ފާހަގަ ކުރާ ދުވަހެއް ކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އާދަމް ހަލީމް ނިޔާވި އިރު އަންބަކާއި އެއް އަހަރުނުވާ ދަރިއަކު ވެސް ވެސް ދުނިޔޭގައި އެބަހުއްޓެވެ.