06 Nov 2012, 15:28
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުރުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްގައި ޖަވާބުދާރީވެވަޑައި ގަތުމަށް އެމަނިކުފާނަށް 15 މިނިޓް ދިނުމަށް އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައަޅައި ދިނުމަށް އެދި މަޖިލީހުގެ އިދާރާ އިން ފޮނުވި މައްސަލާގައި އާންމު ކޮމެޓީން ނިންމާފައި ވަނީ ޑރ. ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދެ ގަޑި އިރުގެ ބަހުސްއެއް ކުރިއަށް ގެންދިއުމަށެވެ. އަދި އެ ދެ ގަޑިއިރުގެ ބަހުސްގެ ތެރޭގައި ޖަވާބު ދާރީވެވަޑައިގަތުމަށް ޑރ. ޖަމީލަށް 15 މިނިޓް ދިނުމަށާއި އެ ވަގަތުކޮޅު ތިން ބަޔަށް ބަހާލައިގެން ވާހަކަފުޅު ދެއްކެވިދާނެ ކަމަށެވެ. އެ ގޮތުން ބަހުސް ފެށުމުގެ ކުރިންނާއި ބަހުސްގެ މެދުތެރެއިން މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމާއި ބަހުސް ނިންމަވާލެއްވުމަށް ފަހު ނަގާ ވޯޓްގެ ކުރިން މަޖިލީހަށް މުހާތަބުކޮށް އެއްޗެއް ވިދާޅުވުމަށް އެ 15 މިނިޓް ބޭނުން ކުރެވިދާނެ ކަމަށެވެ.
ކޮމެޓީން އެގޮތަށް ފާސްވީ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު ހުށަހަޅުއްވައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ތާއިދު ކުރެއްވި ހުށަހެޅުން ފާސްވުމުންނެވެ.
ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހުށަހެޅުއްވީ އިތުބާރު ނެތް ކަމުގެ މައްސަލާގެ ބަހުސްގައި ކޮންމެ ސިޔާސީ ޕާޓީއަކަށް ފަސް މިނިޓް ދިނުމަށެވެ. އަދި މިނިވަން މެންބަރުންގެ ތެރެއިން އެ ބޭފުޅުން ކަނޑައަޅުއްވާ މެންބަރަކަށް އެއް ފުރުސަތު ދިނުމަށެވެ. ނަމަވެސް ކޮމެޓީގެ އަގުލަބިއްޔަތު ނުލިބުމުން އެ ހުށަހެޅުއްވުން ފާހެއް ނުވި އެވެ.
ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހަށެވެ.
އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 26 މެންބަރުން ސޮއި ކުރައްވަ އެވެ.
ގާނޫނުގެ އަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ 77 މެމްބަރުންގެ ތެރެއިން 39 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ނަގާ ފުރަތަމަ ވޯޓް ޑރ. ޖަމީލްގެ މައްޗަށް ނަގަން ނިންމި ސަބަބުތައް ކަމަށް އެމްޑީޕީން ބުނެފައި ވަނީ މާލޭގެ މަގުތަަށް އަމާންތަނަކަށް ހެދުމަކީ ހޯމް މިނިސްޓަރުގެ ޒިންމާއެއް ކަމަށްވީ ނަމަވެސް އެ ޒިންމާ އަދާކުރެއްވުމުގައި ޖަމީލް އިހުމާލުވެ ވަޑައިގެންފައިވާ ކަމަށް ބުނެ އެވެ. ނަތީއްޖާއެއްގެ ގޮތުން މާރާމާރީ އާއި މީހުން މެރުން އިތުރުވެފައިވާ ކަމަށް އެމްޑީޕިން ބުނެފައިވެ އެވެ.
ރައީސް ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެބްރުއަރީ 8، 2012، ވަނަ ދުވަހު ފުލުހުން ހިންގި އަމަލުތައް ޖަމީލު ބައްލަވާފައި ނުވާކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެ އެވެ.