ސުނާމީ ކާރިސާގައި ގއ. އަތޮޅުން ހަލާކުވި ހަތަރު ރަށެއް އާރާސްތު ކުރުމަށް ސައުދީ ފަންޑުން ދޭ އަށް މިލިއަން ޑޮލަރުގެ ލޯން އެގްރިމެންޓެއްގައި ފިނޭންސް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.


ފިނޭންސްމިނިސްޓްރީގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި އެ ލޯން އެގްރިމެންޓްގައި ސައުދީ ފަންޑުގެ ފަރާތުން ސޮއި ކުރެއްވީ ސައުދީ ފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އިންޖިނިއަރ ޔޫސުފް އަލް ބައްސާމެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އަލީ ހާޝިމެވެ.


މި ލޯނަކީ ކިހާ ދުވަހެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނެގި ލޯނެއް ކަމެއް އަދި އިންޓަރެސްޓް ރޭޓަކީ ކިހާވަރެއް ކަމެއް އެ މިނިސްޓްރީ އަކުން އާންމެއް ނުކުރެ އެވެ.


ސައުދީ ފަންޑުން ދިން ލޯން އެގްރިމެންޓްގެ ދަށުން އާރާސްތު ކުރާ ގއ.ގެ ހަތަރު ރަށަކީ ވިލިނގިއްޔާއި، ދާންދޫ އާއި، ނިލަންދޫ އާއި، އަދި މާމެންދޫ އެވެ.


މިއީ މި ގޮތަށް އެ ހަތަރު ރަށް އާރާސްތު ކުރުމަށް ދީފައިވާ ދެވަނަ ލޯނެވެ. ފުރަތަމަ ލޯން އެގްރިމެންޓްގައި ސޮއި ކޮށްފައި ވަނީ 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެވެ.