ގަން އެއާޕޯޓް ތަރައްގީ ކުރާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންއަށް ވިއްކި ނަމަވެސް އެ ކުންފުނީގެ ބާރު އޮންނާނީ ސަރުކާރަށް ކަމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވިއްކި މައްސަލައިގައި ދެ ކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޖިހާދު މިއަދު ވިދާޅުވީ އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ވިއްކި ނަމަވެސް ބާކީ އޮތް 70 ޕަސެންޓް ކޮންޓްރޯލް ކުރާނީ ސަރުކާރު ކަމަށްވާތީ އެކަމުގެ ސަބަބުން އައްޑޫ އެއާޕޯޓްގެ މައްޗަށް ސަރުކާރަށް އޮތް ބާރު ގެއްލިގެން ނުދާނެ ކަމަށެވެ.

"ބާކީ ހިއްސާ މި ކުރަނީ ސަރުކާރުން. ސަރުކާރުގެ ހިއްސާ ބޮޑުވާނީ. އެހެންވީމާ މުޅި އެއާޕޯޓްގެ މައްޗަށް ވެސް ސަރުކާރުގެ ބާރު ނުކެނޑޭނެ. އެހެންވީމާ އޭގައި މައްސަލައެއް ނެތް. އަދި ސަރުކާރަށް އެނގިގެން ހިއްސާ ވެސް ވިއްކޭނީ،" ޖިހާދު ވިދާޅުވި އެވެ.

ކާސާ އަށް އައްޑޫ އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ވިއްކާލުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

ޖިހާދު ވިދާޅުވީ އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އެ މިނިސްޓްރީ އަށް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އަދި އައްޑޫ އެއާޕޯޓަކީ އެ ސަރަހައްދު ޑިވަލޮޕްކުރުމަށް މިހާރުން މިހާރަށް ވެސް ތަރައްގީ ކުރަން ޖެހިފައިވާ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރުމަށް ހިއްސާ ވިއްކުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކާސާ އަށް އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ވިއްކީ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހަރަދުވާނެ ކަމަށް ބަލައިގެންނެވެ. އެގޮތުން ހިއްސާ ވިއްކައިގެން އެ ޕްރޮޖެކްޓަށް 200 މިލިއަން ރުފިޔާގެ އިކުއިޓީއެއް ވަނީ ހޯދައިފަ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ގަމުގައި މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަން ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރަންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކޮށް، އެއާޕޯޓް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

އޭއައިއޭއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯ އަދި ގަން އެއާޕޯޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްއެކެވެ. އެ ކޮންސޯޓިއަމް އަށް ގަން އެއާޕޯޓް ހަވާލުކޮށްފައި ވަނީ 50 އަހަރަށެވެ.