06 Nov 2012, 14:38
ގދ. ވާދު އަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން ދަނޑުބިންތަކަށް ލިބުނު ގެއްލުމުގެ އަގު 1.5 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވާދޫ ކައުންސިލުން ބުނެފި އެވެ.
ވާދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާޒު މިއަދު ވިދާޅުވީ އެ ރަށުގެ 135 ދަނޑުވެރިންގެ ދަނޑުތައް ހަލާކުވެ، ދަނޑުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި ދަނޑުތަކުގައި ފެންބޮޑުވެ ލިބުނު ގެއްލުން 1.5 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިކަން ފިޝަރީޒް މިނިސްޓްރީ އަށާއި ޑިޒާސްޓަ މެނޭޖްމަންޓްގެ އިތުރުން އަތޮޅު ކައުންސިލަށް ވެސް އެންގިން. އަދި އެބޭފުޅުންގެ ސަމާލުކަމަށް މިކަން އައިސްފައެއްނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ ރަށު ކައިރިގައި ހުންނަ ރިސޯޓްތަކަށް މޭވާ އާއި ތަރުކާރީ ސަޕްލައި ކުރުން ވެސް ހުއްޓި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
ކައުންސިލަރު ޝިޔާޒު ވިދާޅުވީ މެދުނުކެނޑި އެ ރަށަށް ކުރަމުންދާ ވިއްސާރައިގައި ރަށުގެ ބޮޑުބައެއް ފެންބޮޑުވެފައިވާ އިރު އެ ރަށުގެ ގޭގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ގޭގޭގައި ބޭނުންކުރާ ސާމާނަށް ގެއްލުން ލިބި ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޯޓަކަށް ދަތުރުނުކުރެވޭތާ ކިތަންމެ ދުވަހެއްވެއްޖެ. މިހާރު އަޅުގަނޑުމެންގެ އަތުގައި ހުރީ ހަފްތާއެއްހާ ދުވަހު ބޭނުންކުރާނެ ވަރަށް ކާޑު،" ޝިޔާޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖެ އަށް ކުރަމުންދިޔަ ވިއްސާރާގައި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ޑިޒާސްޓާމެނޭޖްމަންޓްގެ ޗީފް ކޯޑިނޭޓަރު މުހައްމަދު އަހުމަދު މިއަދު ވިދާޅުވީ ވާދޫ ދަނޑު ބިންތަކުގައި ފެންބޮޑުވި ކަމުގެ ރިޕޯޓެއް އެ ސެންޓަރަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ރަށުން ކާބޯތަކެތި ހުސްވެގެން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ޑިޒާސްޓާމެނޭޖްމަންޓަށް އަންގާފައި ނުވާ ކަމަށެވެ.