06 Nov 2012, 14:15
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކ. ހުރައަށް ދަތުރު ގޮސް އުޅެނިކޮށް ގެނބިގެން މަރުވި އެ ސްކޫލްގެ ހަތަރު ކުދިންނާއި ޕްރިންސިޕަލްގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ އިރު، އެފަދަ ދެވަނަ ހާދިސާއެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ މަސައްކަތް މަޖިލީހުގެ ކޮމެޓީން ފަށައިފި އެވެ.
ހިރިޔާ ހަތަރު ދަރިވަރުންނާއި ސްކޫލް ޕްރިންސިޕަލް މަރުވި ހާދިސާ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ދިރާސާ ކުރަން ފަށާފައި ވަނީ މިދިޔަ އަހަރު ތެރޭގަ އެވެ. އެ މައްސަލާގައި ހިރިޔާ ސްކޫލްގެ އިސްވެރިންނާއި ސްކޫލް ބޯޑްގެ އިތުރުން އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި ކ. ހުރާ ކައުންސިލްގެ މެންބަރުން ވެސް ކޮމެޓީ އަށް ހާޒިރުކޮށް އެ މައްސަލާގައި ޖަވާބުދާރީކޮށްފައިވެ އެވެ.
ނަމަވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް ޓަކައި މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ބަހުސްކޮށްފަ އެވެ. މެންބަރުން ކުރެއްވި ބަހުސްއަށް ފަހު ނިންމާފައި ވަނީ ހިރިޔާ ސްކޫލްގެ ދަރިވަރުން ދަތުރުގޮސް އުޅުނު ކ. ހުރާ ކޭމްޕް ސަރަހައްދު އިސްލާހު ކުރަން ޖެހޭ ކަންތައްތައް އިސްލާހުކޮށްފައިވޭތޯ އާއި އެ ކަމުގައި އިހްމާލުވާ ފަރާތްތަކަކީ ކޮބައިތޯ ބެލުމެވެ. އަދި އެކަން ބެލުމަށްޓަކައި ޔޫތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި ހިއުމަން ރައިޓްސްގެ އިތުރުން ފުލުހުން ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމި އެވެ. އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.
އެ ބޭފުޅުން ކޮމެޓީ އަށް ދެއްވާ މައުލޫމާތުތަކުގެ މައްޗަށް ރިޔާއަތްކޮށް އެ މައްސަލައިގެ ރިޕޯޓް އެކުލަވާލާނެ ކަމަށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވި އެވެ.
ހުރާ ކޭމްޕު ސަރަހައްދުގެ މޫދުގައި ކޮނެފައިވާ ފުންގަނޑެއްގެ ތެރެއަށް ހިރިޔާގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ނާޒިމް ގެނބިގެން މަރުވި ހާދިސާ ތަހުގީގު ކުރުމަށް ކޮމެޓީ އަށް ހުށަހެޅީ ޑީއާރްޕީއާއި ޕީޕީއެމްގެ އިތުރުން ގައުމީ ޕާޓީންނެވެ.
ހިރިޔާ ސްކޫލްގެ 32 ކުދިންނާއި ޕްރިންސިޕަލްގެ އިތުރުން ބައެއް ދޭސީ، ބިދޭސީ ޓީޗަރުން ގޮވައިގެން ހުރައަށް ކުރި ދަތުރުގައި ގެނބިގެން މަރުވީ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ނަޝްއަތު ސައީދު، ގއ. ދެއްވަދޫ މީނާޒް އާއި މަރިޔަމް ނާޒް، ހއ. ހޯރަފުށީ ސުވާސާގެ އާއި އައިޝަތު ޝާނިހާ، ރ. ރަސްމާދޫ ހަނދުވަރީ ވިލާ އަދި މަރިޔަމް ޝައިހާ، މ. މޮއިޝާ އެވެ. ދެން އެ ހާދިސާގައި އަވަހާރަވީ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމެވެ.
ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ދަތުރު ގޮސް އުޅެނިކޮށް ގެނބި ހަތަރު ދަރިވަރުން މަރުވެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވި ހާދިސާ ހިނގި ކ. ހުރާ ޔޫތު ކޭންޕަކީ ދަތުރު ދިއުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ނިންމައި ހުރާ ޔޫތު ކޭމްޕާއި އެ ކެމްޕާ ގުޅިފައިވާ މޫދުގެ ސަރަހައްދު ރަށު ކައުންސިލުގެ ބާރުގެ ދަށަށް ގެންގޮސް އެ ކޭމްޕް ވަނީ ބަންދުކޮށްފަ އެވެ.