އަދާލަތު ޕާޓީގެ ވެރިކަމެއްގައި އާއިލާ ތަކަށް ލިބޭ އާމްދަނީގެ ނިސްބަތަށް ބެލުމަށްފަހު މާބަނޑު މީހުންނަށާއި 10 އަހަރުން ދަށުގެ ކުޑަކުދިންނަށް އިނާޔަތެއް ދޭނެ ކަމަށް އެ ޕާޓިން މިއަދު ބުނެފި އެވެ.

އެ ޕާޓީން އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރު ކުރަމުން އަންނަ މެނިފެސްޓޯ ގައި ހިމެނޭ އެއް ސިޔާސަތު ކަމަށްވާ އިޖްތިމާއީ ރައްކާތެރި ކަމުގެ ސިޔާސަތު، "ދުޅަހެޔޮ ފެށުމާ" ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އިގްތިސޯދީ ކޮމެޓީގެ ރައީސް އަދި ފިނޭންސް މިނިސްޓްރީގެ ނައިބު އިއާދު ހަމީދު ވިދާޅުވީ އެ ޕާޓީގެ ތަސައްވަރަކީ ކޮންމެ ކުޑަކުއްޖަކީވެސް އިޖްތިމާއީ ރައްކާތެރިކަން ލިބިފައިވާ ދުޅަހެޔޮ ކުއްޖަކަށް ހެދުން ކަމަށެވެ. އަދި ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ރަނގަޅު ކާނާގެ އިތުރުން ގަވާއިދުން ލިބެންޖެހޭ ސިއްހީ ފަރުވާ އާއި އެހެނިހެން ކަންކަން ފޯރުކޮށް ދިނުމަށް ބޭނުންވާނެ މާލީ ފުދުންތެރިކަން އެ ޕާޓީގެ ވެރިކަމެއްގައި ހޯދާ ދޭނެ ކަމަށެވެ.

އިއާދު ވިދާޅުވީ ކުދިންނަށް ބޭނުންވާނެ ރަނގަޅު ތައުލީމާއި ތަރުބިއްޔަތެއް ހޯދާ ދިނުމަށް ކުރަންޖެހޭ އެކިއެކި ޚަރަދުތައް ކުރުމަށް އާއިލާ ތަކަށް މަގުފަހި ކޮށްދޭނެ ކަމަށެވެ. ކޮންމެ ކުއްޖަކީވެސް އުފާވެރި ފާގަތި އަދި ފަގީރު ކަމާއި ނިކަމެތިކަމުން ރައްކާތެރި ކުރެވިފައިވާ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިފައިވާ ކުއްޖަކަށް ހެދުމަކީވެސް އެ ސިޔާސަތު ތަކުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާބަނޑު އަންހެނުންނަށާއި ދިހަ އަހަރުން ދަށުގެ ކުޑަކުދިންނަށް އަޅުގަނޑުމެން އިނާޔަތެއް ދޭނަން. އާއިލާ އަށްލިބޭ އާމްދަނީގެ ނިސްބަތުން އެ އާމްދަނީ ލިބިގެންދާނި. ރަނގަޅު ތައުލީމަކާ ތަރުބިއްޔަތެއް ހޯދާ ދިނުމަށްޓަކާ ކުރަންޖެހޭ ޚަރަދު ތައް ކުރުމަށް އާއިލާ ތަކަށް މަގު ފަހި ކޮށްދޭނަން،" އިއާދު ވިދާޅުވި އެވެ.

އެ ކަންކަން ތަންފީޒު ކުރާނެ ގޮތުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ މިދުވަސް ވަރަކީ އިގްތިސޯދީ ގޮތުންވެސް ރާއްޖެއަށް ދަތި ދުވަސްވަރެއް ނަމަވެސް މިހާރުވެސް ބޭކާރު ޚަރަދުތައް ސަރުކާރުން ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ދެވޭ އިނާޔަތް ތަކަކީ އާއިލާ ތަކަށް ލިބޭ އާއްދަނީއަށް ބެލިގެން ދެވޭ އިނާޔަތް ތަކެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ކަރަންޓް ސަބްސިޑީ ފާހަގަ ކުރެއްވި އެވެ.

"ކިތަންމެ މުއްސަނދި މީހަކަށްވެސް ހަމަ އެޕްލައި ކުރީމައި ކަރަންޓު ސަބްސިޑީ ލިބޭ ގޮތަށް މި އޮންނަނީ. އެހާ ބޮޑަށް މިކަންކަން ބެލިގެނެެއް ނޫން ސަބްސިޑީ ދެވެނީ. ދެން މިދެވޭ އިނާޔަތް ތަކަކީވެސް އެންމެ އެކަށީގެންވާ ގޮތުގައި ޓާގެޓް ކުރެވިގެން ދެވޭ އެއްޗެއް ނޫން،" އިއާދު ވިދާޅުވި އެވެ.

އިއާދު ވިދާޅުވީ އެގޮތަށް ދެމުން އަންނަ އިނާޔަތްތަކާ ސަބްސިޑީތައް ހައްގުވާ ފަރާތް ތަކަށް ދޭނެ އުސޫލެއް ތައާރަފް ކުރެވިއްޖެނަމަ ބަޖެޓްގެ ތެރެއިން ބޮޑު އެއްޗެއް ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށްވެސް ހޭދަ ކުރާވަރު ކޮންޓްރޯލް ކުރެވިއްޖެ ނަމަ އެ ސިޔާތުތައް ތަންފީޒު ކުރުމަށް ބޭނުންވާނެ ފައިސާ ބަޖެޓްގެ ތެރެއިން ހަމަޖެއްސޭނެ ކަމަށެވެ.

"ސަން އޮންލައިން" އިން ސުވާލުކުރުމުން އިއާދު ވިދާޅުވީ ރާއްޖޭގައި ފަގީރު ކަމުގައި ދިރިއުޅެމުންދާ 76،000 ށް ވުރެ ގިނަމީހުން ތިބިކަމަށް ތަފާސްހިސާބު ތަކުން ދައްކާ ކަމަށާއި، އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި މައިން ވެސް ހިމެނޭ ކަމަށެވެ. އިއާދު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި ފަގީރުކަމާއި ނިކަމެތި ކަމުގައި ދިރިއުޅެމުންދާ މައްސަލަ އަކީ އަޅުގަނޑުމެން ގައުމީ ފެންވަރެއްގައިވެސް ވިސްނަންޖެހިފައި އޮތް ވަރަށް ސީރިއަސް މައްސަލަ އެއް ކަމަށެވެ. އޭނާ ވިދާޅުވީ 5،000ން ދަށުގެ އާބާދީގެ ތެރެއިން 6،000 ށް ވުރެ ގިނަ ކުދިންނަކީ ރަނގަޅަށް ބޮޑުނުވާ ކުދިން ކަމަށެވެ.

އަދި ވިދާޅުވީ އެކަން ދިމާވާ މައިގަނޑު ސަބަބަކީ ހަށިގަނޑަށް ފައިދާހުރި ކޮންމެހެން ބޭނުންވާ މާއްދާތައް ހިމެނޭ ރަނގަޅު ކާނާ ނުލިބުން ކަމަށެވެ. ތައުލީމީ ނިޒާމުގައި ހުރި ބައެއް މައްސަލަތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ 2010 ވަނަ އަހަރު ޖީސީ އޯލެވެލް ހެދި ކުދިންގެ ތެރެއިން 65 ޕަސެންޓު ކުދިން ފަސް މާއްދާއިން ފާސްނުވާ ކަމަށާއި އެކަން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބީ އެކަށީގެންވާ ތައުލީމީ ބިންގަލެއް އެކުދިންނަށް އަޅާ ނުދެވުން ކަމަށެވެ.

"ތައުލީމާ ތަރުބިއްޔަތު ދިނުމަށްޓަކައި އެބަ ޖެހޭ އެކަމަށް އެކަށީގެންވާ މާ ހައުލެއް ގޭތެރޭގައިވެސް އަދި ސްކޫލުން ބޭރުގައިވެސް ގާއިމްކޮށްދޭން. ކުދިންނަށް ފޮތް ކިޔުމާއި، ގުރުއާން ކްލާހަށް ފޮނުވުމާއި، މިކަހަލަ ކަންކަމަށް ހިތްވަރު ދޭ މާހައުލެއް ގާއިމް ކުރުމަށް ބޭނުންވާ ހަރަދުތައް ކުރުމުގެ ފުދުންތެރިކަން އާއިލާ ތަކަށް ހޯދައިދޭން އެބަޖެހޭ،" އިއާދު ވިދާޅުވި އެވެ.