ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމް މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވައި "ބަލާއަށް" ގޮވައި ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ތަޅުމުގައި ޒާހިރު "ބަލާ"އަށް ގޮވައި ބޭއަދަބީ ބަހުން ވާހަކަ ދެއްކެވީ ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ ގޮތުން ހަދަން ޖެހޭ ގަނޫނުތައް ހެދުމަށް ގޮވާލައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ހުށަހެޅުއްވި ގަރާރަށް ބަހުސު ކުރަމުން ދަނިކޮށް އޭނާ ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކަވަމުންނެވެ.

ޒާހިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އޭނާ "ވާހަކަ ދައްކަވަން ފެށީމާ އެތަނުން މި ތަނުން މައްސަލަ" އަންނަ ކަމަށާއި "ޑީއާރުޕީ އާލަތުން ފުމެ އަރާ، މިއީ ކިހާބޮޑު ބަލާއެއް،" ކަމަށެވެ.

ޒާހިރު މިހެން ވިދާޅުވުމުން އެވަގުތު ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ހުރިހާ ބޭފުޅުން ވެސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ކެއްތެރިވުމަށް މެންބަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.