06 Nov 2012, 13:53
ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލްީ)ގެ މެނޭޖިން ޑިރެކްޓާ، މުހަންމަދު ލަތީފު އެ ކުންފުނީގެ ބޯޑުން ވަކިކޮށްފި އެވެ.
ލަތީފު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އޭނާ ވަކިކުރިކަމުގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވަޒީފާ އިން ވަކި ކުރި ސަބަބެއް ސިޓީގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ހަމައެކަނި އޭގައި އޮންނަނީ ބޯޑަށް ބަދަލުތަކެއް ގެންނަ ކަމަށާއި އާ ބޯޑުގައި އަޅުގަނޑު ނުހިމެނޭނެ ކަމަށް. ދެން އަޅުގަނޑުގެ ހިދުމަތަށް ޝުކުރު އަދާކޮށްފައި އޮންނަނީ،" ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޑުން އޭނާ ވަކި ކުރަން ޖެހޭނެ އެއްވެސް އަމަލެއް ހިންގާފައި ނޯންނާނެ ކަމަށާއި އޭނާ ބޯޑުން ވަކިކުރީ މި ފަހުން އޭނާއާ މެދު މީޑިޔާގައި ރިޕޯޓްކުރި ވާހަކަތަކުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަމާ ގުޅުވަނީ ކިހާވަރަކަށްކަމެއް ނޭނގޭ. އެކަމަކު އެއީ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ،" ލަތީފު ވިދާޅުވި އެވެ.
ލަތީފުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް ޓީސީއެލްގެ ބޯޑުގެ ދެ މެންބަރަކު ވެސް ވަނީ އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވައިފަ އެވެ. އަދި ގުޅީފަޅުގެ އިންޑަސްޓްރިއަލް ޒޯންގައި އޭނާ ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ވަނީ އޭސީސީ އަށް ފޮނުވައިފަ އެވެ.