06 Nov 2012, 13:46
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމުން ޑރ. އަލީ ފަވާޒު ޝަރީފް އިސްތިއުފާދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ފަވާޒް މިއަދު ސަން އޮންލައިނަށް ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ގައުމީ ޔުނިވާސިޓީގައި ހުރުމަށް ވުރެ އެހެން ތަނެއްގައި ހުރުން ރަނގަޅުކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ.
"އަޅުގަނޑަށް މި ވަގުތު ޔުނިވަސިޓީ އަށް ވުރެ އެހެން ތަނެއްގައި ހުރުން ރަނގަޅު ކަމަށް ފެންނަނީ،" ޔުނިވާސިޓީގައި 16 އަހަރު ދުވަހު ހިދުމަތް ކުރެއްވި ފަވާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންޔޫ އިން ވަކިވި ނަމަވެސް ކިޔަވައިދިނުމުގެ ދާއިރާއާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ވިލާ ކޮލެޖާ ގުޅުމަށް މިހާރު ނިންމަވައިގެން ހުންނެވި ކަމަށެވެ.
ފަވާޒު ޔުނިވާސިޓީއާ ގުޅިވަޑައިގަތީ 1996 ގަ އެވެ. އޭނާ ފަސްޓް ޑިގްރީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއަށް ފަހު ނިއުޒިލޭންޑުން ވަނީ ޕީއެޖްޑީ ހާސިލްކުރައްވައިފަ އެވެ. އޭނާގެ ހާއްސަ ދާއިރާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އިން އެޑިއުކޭޝަން އެވެ.
ފަވާޒަކީ ރާއްޖޭގެ ވެރިކަން 7 ފެބްރުއަރީގައި ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގައި މަސައްކަތްކުރެއްވި އެ ކޮމިޝަންގެ މެންބަރެކެވެ.