06 Nov 2012, 13:20
ސިޔާސީ ޕާޓީގެ މެމްބަޝިޕް ފޯމުގައި އިނގިލީގެ ނިޝާން ޖަހަން ފެށުމުން ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީގެ ހުރި މައްސަލަތައް ހައްލުވި ކަމަށާއި ނަމަވެސް އިނގިލީގެ ނިޝާން ބޭނުން ނުކުރާ ނަމަ އެ މައްސަލަތައް އަލުން ފެންމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެންބާޝިޕް ފޯމުގައި އިނގިލީގެ ނިޝާން ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
އެ ނިންމުމާ ގުޅިގެން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް މުހަންމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވީ ޕާޓީތަކުގެ މެންބަޝިޕް ފޯމުގައި އިނގިލީގެ ނިޝާން ބޭނުން ކުރަން ފެށީ މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާ ލިބިގެން ޕާޓީތަކުގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ. ނަމަވެސް އެ މައްސަލަ އަލުން ފެންމަތިވާނެ ކަމަށް ފަޔާޒު ވިދާޅުވި އެވެ.
"މިއަދު މިސާލަކަށް 700 މީހުން މި ވަންނަނީ ޑީއާރުޕީ އަށް މާދަމާ އެ 700 މީހުން ވަންނާނެ އެމްޑީޕީ އަށް އަނެއް 700 މީހުން ވަންނާނެ ޕީޕީއެމް އަށް. ދެން އެހެންވީމާ މީ ހަމަ އަބަދު ވެސް އެންމެ ފަހުން ފޮނުވާ މީހުންގެ އަތުގައި ރާއްޖޭގެ އެންމެން ތިބޭނީ. އެއީ ކުރިން ވެސް ހިނގަމުން އައި ގޮތް. އަބަދު ވެސް އަށާރަ އަހަރުން މަތީގެ ދެ ލައްކަ ކޮންމެ ވެސް މީހެއް އަބަދުވެސް އެއް ޕާޓީން އަނެއް ޕާޓީން މިހެން އުޅޭނީ. މިހާރު އެބަ އޮވޭ 15 ޕާޓީ، މި އެންމެންވެސް 15 ޕާޓީގައި އުޅޭނެ،" ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނގިލީގެ ނިޝާން ނުޖަހަން ނިންމުމުން އެ ކޮމިޝަނަށް ވާނެ އެއްވެސް އުނދަގުލެއް ނެތް ކަމަށާއި ގާނޫނީ ގޮތުން އެ ކޮމިޝަނާ ހިސާބަށް ނިންމުމެއް އައިސްފި ނަމަ އެކަމަކަށް ފުރިހަމައަށް ކޮމިޝަން ބޯލަބާނެ ކަމަށެވެ. އަދި ޕާޓީތަކުގެ ރަޖިސްޓްރީގައި މައްސަލަތަކެއް އުޅުމަކީ އެ ކޮމިޝަނަށް މާބޮޑު މައްސަލައެއް އޮތް ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މާބޮޑު މައްސަލައެއް ނޫން. ގަވާއިދުގައި ވެސް މި އޮންނަނީ އައިޑީކާޑުގެ ކޮޕީއަކާ އެކު ފޮނުވާލުމުން އެއީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނުމަށް. މީގެ ކުރިން ވެސް އެކަން ކުރީ ކޮންމެ ދުވަހަކު މީހުންނަށް ނޭނގި ޕާޓީއަށް ވައްދާ އެތައް މައްސަލަތަކެއް ހުށަހަޅާތީ ޕާޓީތަކުން ވެސް ބޭނުންވެގެން،" ފަޔާޒު ވިދާޅުވި އެވެ. "މީގެ ކުރިން ހައްލުވެފައި ހުރި މައްސަލަތައް އެއީ، ދެން އެހެން ނުވާނެ،"
އިނގިލީ ނިޝާން ޖަހަން ފެށުމުން އެ މައްސަލަ އެންމެ ބޮޑަށް ފެންމަތިކުރީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްއިންނެވެ. އެ ޕާޓީތަކުގެ ޝަކުވާއަކަށް ވެފައި އޮތީ އިނގިލީގެ ނިޝާން ރަނގަޅަށް ނާރައިގެން ގިނަ ފޯމްތަކެއް އަނބުރާ ފޮނުވާލާތީ އެވެ. އަދި އިނގިލީގެ ނިޝާން ޖެހި ނަމަވެސް ނިޝާން ސައްހަ ކުރެވޭނެ ގޮތްތަކެއް ނެތް މައްސަލަވެސް ޕާޓީތަކުން ފެންމަތިކޮށްފައިވެ އެވެ.
އިނގިލީގެ ނިޝާން ޕާޓީގެ މެންބަޝިޕް ފޯމުގައި ނުޖަހަން ކޮމެޓީން ނިންމި އެންމެ ބޮޑު ސަބަބަކީ ފޯމްގައި އިނގިލީގެ ނިޝާން ޖެހުން ލާޒިމްކޮށްފައިވާ އިރު، ރާއްޖޭގައި ދިވެހިންގެ އިނގިލީގެ ނިޝާން ރައްކާކޮށްގެން ގެންގުޅޭ މެކޭނިޒަމެއް ނެތުމުން ކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ.