ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސީއްޔާތާ މެދު ސުވާލު އުފައްދައި އެ ކޯޓަކީ ސައްހަ ކޯޓެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ ބާރު ސުޕްރީމްކޯޓަށް ލިބިގެންވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާލުވެއްޖެ އެވެ.

ނަޝީދު އޭނާގެ ބުލޮގް "އެމް ނަޝީދު ޑޮޓް ކޮމް"ގައި މިއަދު ވިދާޅުވެފައި ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ދަށުން ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް، ކޯޓުތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާ އިން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ދުސްތޫރީ މައްސަލައެއް ކަމަށެވެ.

"އެ ޤާނޫނުގެ އެ މާއްދާ ބުނާގޮތުން، ޤައުމުގެ ޢާންމު މަސްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައާއި ޤައުމު ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސްގެ ދަށުން ބެލުމަށް އެމާއްދާ އިން ސުޕްރީމްކޯޓަށް ބާރު ލިބިދޭ." ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވީ ކޯޓެއްގެ ގާނޫނީ ހައިސިއްޔަތާ މެދު އުފެދޭ ސުވާލަކީ ވަރަށް އަސާސީ ވަރަށް މުހިންމު ސުވާލެއް ކަމަށާއި އަދި އެއީ ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭ ސުވާލެއް ކަމަށެވެ. އަދި އެފަދަ ސުވާލަކީ އިތުރަށް ތަކުރާރު ނުކުރެވޭނެ ސުވާލަކަށް ހަދައި އިތުރަށް ޗެލެންޖް ނުކުރެވޭނެ ގޮތެއްގެ މަތިން އަވަހަށް ނިންމަން ޖެހޭ ސުވާލެއް ކަމަށެވެ.

އޭގޭ އިތުރުން އޭނާ ވިދާޅުވީ މިދައްކަނީ ކޯޓުތަކުން ގާނޫނާ ހިލާފަށް ކުރިކަމެއް ބެލުމުގެ ވާހަކައަށް ވުރެ މާ ބޮޑު ވާހަކައެއް ކަމަށާއި މިދައްކަނީ ކޯޓެއް އޭގެޒާތުގައި ހުރިހުރުން ވެސް ސައްހަނޫން ކަމުގެ ވާހަކަ ކަމަށެވެ. އެހެން ކަމުން އެކަން ނިންމުން އަދި އެކަން ފުރިހަމަ ގޮތުގައި ނިންމުން އެންމެ އައުލާކަށް ބޮޑީ ސުޕްރީމް ކޯޓް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހިންގަމުން އަންނަ ކޯޓެއް ވުޖޫދުގައި ހުރި ހުރުމާ މެދު ކުރެވޭ އަސާސީ ސުވާލަކީ އޭގެޒާތުގައި ހަމައެކަނި އިޖުރާއީ މައްސަލައަކަށް ވުރެ ބޮޑަށް، އޭގެ ޒާތުގައި މައުޟޫޢީ ވެސް މައްސަލައެކެވެ. އެހެން ކަމުން އިޖުރާއީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅުނު މައްސަލައިގެ ބާވަތުން، މައުޟޫޢީ ގޮތުން އެ މައްސަލަ ބެލުމަށް ހައިކޯޓުން ފަހަރުގައި ނިންމެވިދާނެ ކަމަށާއި އެހެންނަމަވެސް، އަނެއްކާ ވެސް އެ ކޯޓުން ނިންމާގޮތަކާ މެދު ޗެލެންޖުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިދޭ ކަމަށެވެ. އެހެންކަމުން، ހައިކޯޓުން، ނިންމާ ނިންމުމަކީ، ހުޅުމާލޭ ކޯޓުގެ ޞައްޙަކަމާ މެދު ނިންމާ ފަހުގެ ނިންމުމަކަށް ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި، ހައިކޯޓުގެ ނިންމުމާ އެކު، ހުޅުމާލޭ ކޯޓުގެ ޞައްޙަކަމުގެ ނުވަތަ ޞައްޙަ ނޫންކަމުގެ މައްސަލަ ނިމުމަކަށް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ މައްސަލާގައި މައިގަނޑު އުޅެނީ ދެ ވިސްނުމެއް ކަމަށާއި އެއީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ވިސްނުން ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެލެމުގެ ސަބަބުން މި މައްސަލާގައި ވަކާލާތު ކުރަމުންގެންދަވާ ހުރިހައި ފަރާތަކަށް ވެސް މައްސަލައިގައި ތަދައްޚުލުވުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށެވެެ.

"އެހެންކަމުން، ސުޕްރީމް ކޯޓުގައި ބެލެވޭ މައްސަލައިގައި އެ ތިންފަރާތަށް ވެސް ޖޭއެސްސީ، ރައީސް ނަޝީދު ވަކީލުން ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ، ހުޅުމާލޭ ކޯޓާ ގުޅޭ ގޮތުން ރަޢުޔު ގެންގުޅޭ އަދި، ޝަރުޢީ އެކި މަރުޙަލާތަކުގައި މައްސަލަ އުފުލާފައިވާ ހުރިހާ ފަރާތްތަކަށް ސުޕްރީމް ކޯޓުގައި އެ ރަޢުޔު ހާމަކޮށް ވަކާލާތު ކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ތަދައްޚުލުވުމުގެ ފުރުޞަތު ދިނުމަކީ މައްސަލައިގެ ވަށައިގެންވާ ހުރިހާކަމެއް ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އައުމަށް ވެސް ފުރުޞަތު ފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓަށް ޖޭއެސްސީގެ ފަރާތުން ހުށަހަޅާފައި ވަނީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން އަހަރުތަކެއް ކުރިން ވަކީލުންތަކެއް ސިވިލް ކޯޓަށް ހުށަހެޅި ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން ހުއްޓުވާފައިވާ މައްސަލައެކެވެ.