ޑީއާރްޕީ އިން މާދަމާ ރޭ އެއްވުމެއް ބާއްވަން އުޅޭ ކަމަށް ބުނެ، ދޮގު އެސްއެމްއެސްތަކެއް ފަތުރުމަންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.


ސަންއެފްއެމްގެ ނޫސްވެރިންގެ ވެސް ފޯނަށް އައިސްފައިވާ އެ އެސްއެމްއެސްގައި ބުނަނީ، "ސަރުކާރުން ގައުމުގެ ހުރިހާ ހަރުމުދާތައް ވިއްކާތީ 'ގަންނާނެބާ ސަރުކާރު' އާ ދެކޮޅަށް ޑީއާރްޕީން ބާއްވާ އެއްވުން ހުކުރު ދުވަހުގެ ރޭ 9:00 ގައި އާޓިފިޝަލް ގަ"އި އޮންނާނެ ކަމަށެވެ.


ނަމަވެސް، ޑީއާޕީ އިން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، އެޕާޓީގެ އެއްވުމެއް މާދަމާރޭ އޮންނަނާނެ ކަމަށް ޚަބަރު ފެތުރެމުން ދިޔަ ނަމަވެސް، އެފަދަ އެއްވުމެއް ޕާޓީން އިންތިޒާމުކޮށްގެން ބާއްވާގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވުމެއް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ނަމަ ޑީއާރްޕީގެ ފަރާތުން އާއްމުކޮށް އަންގައި އިއުލާންކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.


ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ، އެ އެސްއެމްއެސްތައް ފެތުރެން ފެށީ މީގެ ދެދުވަސްކުރިން ކަމަށެވެ. އަދި ގިނަ ބަޔަކު ޑީއާރްޕީ އޮފީހަށް ގުޅާ އެފަދަ ކަމެއް އެބައޮތްތޯ ސުވާލުކުރަމުން ގެންދާތީ، އެފަދަ ކަމެއް ނެތް ކަމަށް މީހުންނަށް އަންގައިދިނުމަށްޓަކައި ސެކްރެޓޭރިއެޓުން ބަޔާނެއް ނެރުނީ ކަމަށެވެ. އަދި މި އެސްއެމްއެސް ފަތުރަން ފެށީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އެއްވެސް ވަރަކަށް ޖަވާބު ދެވެން ނެތް މި އެސްއެމްއެސް ކަންތަކުގައި. އެސްއެމްއެސްތައް އޮރިޖޭނޭޓް ވި ސޯސް އެއް ވެސް ބުނަން ނޭނގޭ" ސޯލިހު ވިދާޅުވި އެވެ.