06 Nov 2012, 12:24
މީގެ 10 ވަރަކަށް އަހަރު ކުރިން ފެތުރުނު، ނޭވާލާ ނިޒާމުގެ ރޯގާއެއް ކަމަށްވާ ސާސް ރޯގާ ޖެހުމަށް މެދުވެރިވާ ވައިރަހުގެ އާއިލާ އަށް ނިސްބަތްވާ " ކޮރޯނާ ވައިރަސް" މި އަހަރުގެ ހައްޖުމޫސުން ފެށުނު ތަނާ ސައުދީ އަރަބިއްޔާ އިން ފެނުނެވެ. އެ ވައިރަހާ އެކު ނިއުމޯނިއާ ޖެހިފައިވާ މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން އިއްޔެ ބުންޏެވެ.
ސައުދީ ހެލްތު މިނިސްޓްރީން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ "ނޮވެލް ކޮރޯނާވައިރަސް" ނަމަކަށް ކިޔާ ވައިރަސް ހުރި މީހަކު ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި އޭނާއާ ނިއުމޯނިއާ ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ސައުދީ ހާމަކޮށްފައެއް ނުވެ އެވެ.
އެސޯސިއޭޓެޑް ޕްރެސް ބުނީ ވައިރަސް ހުރި މީހަކު ފެނުނުކަން އިއުލާންކުރުމަށް ސައުދީ އަރަބިއްޔާ އިން ކުރި އިއުލާންގައި އެމީހާގެ ގަޔަށް ވައިރަސް އެރީ ކޮން އިރަކު، ކިހިނެތް ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބުނެފައި ވަނީ އޭނާ ވެރިރަށް ރިޔާޟުން ބޭރަށް ދަތުރު ނުކުރާ ކަމަށެވެ.
ހޮންކޮން އިން 2002 ވަނަ އަހަރު ފެނުނު ސާސް ރޯގާ ގާތްގަނޑަކަށް ދެ އަހަރު ވަންދެން ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރުނު އިރު އެބަލީގައި 916 މީހުން މަރުވި އެވެ. ހައްޖު މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން ސައުދީ އަރަބިއްޔާއަށް ޖަމާވެ އެވެ. ހައްޖަށް ދިޔަ އެތައް ބަޔަކު އަދިވެސް އެގައުމުގައި އެބަތިއްބެވެ.