ސ. ހުޅުދޫ ގެއަކުން 30،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކުޑަ ކުއްޖަކާއި އިތުރު މީހަކު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ހުޅުދޫ، އިވްނިންވިލާގެ އިން ވައްކަން ކުރިކަން ސާބިތުވެގެން އެ ރަށު ކޯޓުން މިދިޔަ މަހު ހުކުމްކޮށްފައި ވަނީ ހުޅުދޫ، މަދަރުސާދޮށުގޭ ވިޝާހު އަލީ ،19،ގެ މައްޗަށާއި 16 އަހަރުގެ ކުޑަ ކުއްޖެއްގެ މައްޗަށެވެ.

ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މިއީ ވިޝާމްގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ފަސް އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

އެ މައްސަލައިގައި 16 އަހަރުގެ ކުއްޖާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ފަސް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ. މިއީ މިފަދަ ކުށެއް އެ ކުއްޖާގެ މައްޗަށް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އެ ދެ މީހުން ވެސް ވަނީ ވައްކަން ކުރި ކަމަށް ކޯޓުގައި އިއުތިރާފްވެފައި ކަމަށް ވެސް ހުޅުދޫ ކޯޓުގެ ހުކުމުގައިވެ އެވެ.

މިއަހަރުގެ ޖޫން 15 ދުވަހުގެ ރޭ ދަންވަރު 1:00 އެހާކަންހާއިރު އިވްނިންވިލާގެ އަށް ވައްކަން ކުރުމަށް އެދެ މީހުން ވަދެފައި ވަނީ އެގޭގެ ވަލުފަރާތު ދޮރެއް ހަލާކުކޮށްލައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެގޭގެ ކޮޓަރިއެއްގެ ތެރެއިން 28،000 ރުފިޔާ އާއި 200 ޑޮލަރު ވަގަށް ނަގާފައިވެ އެވެ. އަދި ހަމަ އެގޭގެ އިތުރު ކޮޓަރިއަކުން އަށް 8000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.