ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ސ. މަރަދޫ ބަގީޗާގޭ އިބްރާހިމް ޝިރުފާއުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޝިރުފާއުގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ލޯންސްޓާ ޕްރައިވެޓް ލިމިޓެޑްގެ އޮފީސްތެރޭގައި ހުއްޓައި އޭނާގެ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފުލުހުން ފާސް ކުރި ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ޖީބުގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ އިރު އެ ޕެކެޓްގައި ހުރީ 0.9833 ގްރާމް ޒެނެކްސް ކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

އޭނާގެ އަތުން ފެނިފައިވާ މަސްތުވާ ބޭހުގެ ބަރުދަން އެބާވަތުގެ ބޭހެއް ޑޮކްޓަރަކު އާންމުކޮށް އެއްފަހަރު ލިޔެދޭ މިންވަރަށް ވުރެ އިތުރު ކަމަށާއި އަދި އޭނާ އަކީ އެފަދަ ބޭހެއް އަތުގައި ބެހެއްޓުމުގެ ހުއްދަ އޮންނަ މީހެއް ކަމަށް ޝިރުފާއު އަށް ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ ހާދިސާ ހިނގި އިރު މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފާސްކުރެވިފައި ނުވާތީ އެވެ.