ޔޫތު މިނިސްޓްރީގައި ސިޔާސި މަގާމުތައް ފުރުއްވި ބައެއް ބޭފުޅުން ގަވާއިދާ ހިލާފަށް ފައިސާ ނަގާފައިވާ މައްސަލަތަކެއް ޔޫތު މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފެންމަތިވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއި ކުރައްވައި އެ އޮފީހުގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ ޔޫތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު މިދިޔަ ފެބުރުއަރީ 13 ވަނަ ދުވަހު ޗުއްޓީ އަކަށް އެދިވަޑައިގަތް ކަމަށާއި ނަމަވެސް ޗުއްޓީ ދެއްވާފައި ނުވި ނަމަވެސް އެ ބޭފުޅާ ފެބުރުއަރީ 13 އިން މެއި މަހުގެ ނިޔަލަށް އޮފީހަށް ހާޒިރުވެ ވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް އެ ދުވަސްތަކަށް ވެސް އެބޭފުޅާ އަށް 165،897ރ. ދީފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 22 ޖުލައި 2012ގައި އެބޭފުޅާ މަގާމުން ވަކިކުރެއްވި ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި އެ މިނިސްޓްރީ އަށް ރައީސުލްޖުމްހޫރިއްޔާ އަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާ އިރު އޭގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ހާޒިރީގައި އެއްގޮތަކަށް ވެސް ސޮއި ކުރައްވާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. އަދި އެ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރެއްވި ޗިޓް އޮތް ނަމަވެސް އެ ބޭފުޅުން މިނިސްޓްރީގައި ކުރެއްވީ ކޮން މަސައްކަތްތަކެއް ކަމެއް ވެސް ސާފުނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެ ބޭފުޅުންގެ ޗުއްޓީ އާއި އެހެނިހެން ވެސް ކަންކަން ރަނގަޅަށް މޮނީޓާކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

"މި ދެންނެވި ބޭފުޅުންނަށް 2010 ވަނަ އަހަރު މުސާރަ ދޫކޮށްފައި ވަނީ އެ ބޭފުޅުން ހާޒިރުވި ދުވަހަށްކަން އެނގޭކަށް ނެތެވެ،" ރިޕޯޓްގައިވެ އެވެ.

ނަމަވެސް ރިޕޯޓްގައި އެއްވެސް ބޭފުޅެއްގެ ނަން ހާމަކޮށްފައެއްނުވެ އެވެ.

ނިޔާޒް އިބްރާހިމް އެ މައްސަލައިގައި އަމަލުކުރުމަށް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުން އަމަލުކުރަން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމާއި އެގޮތަށް ބެލުމެއް ނެތި ފައިސާ ދޫކޮށްފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

މީގެ އިތުރުން ބަޖެޓްގައި ނެތް ބޭކާރު ބައެއް ހަރަދުތައް ކުރުމާއި ހަރުމުދަލުގެ އިންވެންޓްރީ ނުބެލެހެއްޓި ބައެއް ތަކެތި ގެއްލިފައިވާ މައްސަލަތައް ވެސް މިނިސްޓްރީން ވަނީ ފެންމަތިކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި އިންޓަނޭޝަނަލް ބީޗް ގޭމްސް ބޭއްވުމަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މައްސަލަ ވެސް ވަނީ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ.