06 Nov 2012, 10:23
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދޭ ފޯމްގައި އިނގިލީގެ ނިޝާން ޖެހުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި، މެންބަޝިޕް ފޯމްތަކުގައި އިނގިލީގެ ނިޝާން ޖެހުން ހުއްޓާލަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިލެކްޝަންސް ކޮމިޝަނަށް އަންގަން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ކޮމެޓީގައި ބައްދަލުވުމުގައި ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވަނުމަށް އެދޭ ފޯމްގައި އިނގިލީގެ ނިޝާން ޖެހުމަކީ މަޖުބޫރު ކަމެއްކަމަށް ކަނޑައެޅުމަކީ އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން އިލެކްޝަންސް ކޮމިޝަނަށް ބާރު ލިބިދޭ ކަމެއް ނޫން ކަމަށެވެ. ކޮމެޓީން އެ ގޮތަށް ނިންމީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ނައިބު މުގައްރިރު، ދިއްދޫ ދާއިރާގެ އަހުމަދު ސަމީރު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމުގެ ފޯމްގައި އިނގިލީގެ ނިޝާން ޖެހުން ލާޒިމްކޮށްފައިވާ އިރު، ރާއްޖޭގައި ދިވެހިންގެ އިނގިލީގެ ނިޝާން ރައްކާކޮށްގެން ގެންގުޅޭ މެކޭނިޒަމެއް ނެތް ކަމަށެވެ. އެކަން ބެލުމަށްތަކައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ވެސް ކޮމެޓީ އަށް ހާޒިރު ކުރުމުން އެ ބޭފުޅުން ވެސް ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުންގެ އިނގިލީގެ ނިޝާން ރައްކާކޮށްގެން، ނުގެންގުޅޭ ކަމަށެވެ. އިނގިލީގެ ނިޝާން ނަގަނީ ވަކި ހާއްސަ ބޭނުންތަކެއްގައި ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނެފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
އިނގިލީގެ ނިޝާންގެ މައްސަލާގައި ޕާޓީތަކަށް މެންބަރުން ވަނުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒެވެ.