އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލް (އޭޓީޕީ) ރޭންކިންގްގެ އެއް ވަނަ މަގާމް ނޯވަކް ޖޯކޮވިޗްއަށް ހައްގު ކަމުގައި ކުރިން އެއްވަނާގައި އޮތް ސްވިޒަލޭންޑްގެ ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.

ޓެނިސްގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ފެޑެރާ ދެވަނަ އަށް ވައްޓާލުމަށް ފަހު، ޖޯކޮވިޗްއަށް އެއްވަނަ މަގާމް ލިބުނީ މިދިޔަ ޖުލައި މަހު އޭނާ ކާމިޔާބުކުރި ވިމްބަލްޑަން މުބާރާތް ކާމިޔާބުކުރުމާ ގުޅިގެންނެވެ. ޖޯކޮވިޗް ކުރިން އޮތީ ފެޑެރާގެ ފަހަތުން ދެވަނާގައި ވިއްދާފަ އެވެ.

"އަހަރެމެންނަށް އެނގޭ ހަގީގީ އެއްވަނައަކީ ކާކުކަން. ޝައްކެއް ނެތް ގޮތުގައި އެއީ ޖޯކޮވިޗް. އަހަރެންނަށް ހިއެއް ނުވޭ އެކަމާމެދު އިތުރު ބަހުސްއެއް ކުރެވޭނެހެނެއް. ރޭންކިންގް ދެނީ އަހަރުތެރޭ ދައްކާ ކުޅުމަށް ބަލާފައި. އެއީ ނަސީބުން ލިބޭ އެއްޗެއް ނޫން. ޖޯކޮވިޗް އެކަމަށް ގިނަ މަސައްކަތްތަކެއްކޮށް ގިނަ ކާމިޔާބީތަކެއް ހޯދި." ފެޑެރާ ބުންޏެވެ.

އޭޓީޕީ ރޭންކިންގެ އެއްވަނާގައި އޮތް ޖޯކޮވިޗްއަށް 11420 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނާގައި އޮތް ފެޑެރާއަށް ލިބިފައިވަނީ 9465 ޕޮއިންޓެވެ. ތިންވަނާގައި އޮތް އިނގިރޭސިވިލާތުގެ އޭންޑީ މަރޭއަށް 7600 ޕޮއިންޓް ލިބުނު އިރު، ހަތަރުވަނާގައި އޮތް ސްޕެއިންގެ ރަފައެލް ނަޑާލްއަށް ލިބުނީ 6795 ޕޮއިންޓެވެ.