އިޓަލީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޔުވެންޓަސްއާއި އިންޓަމިލާން ކުޅުނު ވާދަވެރި މެޗުން އިންޓަ މޮޅުވުން ހައްގު ކަމުގައި ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ ބުނެފި އެވެ.

އިޓަލީ ލީގުގެ އެއްވަނާގައި އޮތް ޔުވެންޓަސްއިން މެޗަކުން ބަލިނުވެ 50 މެޗު ހަމަކުރަން ކުޅުނު މެޗުން އެޓީމް ބަލިވީ ލީޑް ލިބިފައި ވަނިކޮށް، 3-1 ލަނޑުންނެވެ. މެޗުގެ އެއްވަނަ މިނެޓުގައި އާޓުރޯ ވިޑަލް ޔުވެންޓަސްއަށް ލީޑު ހޯދައިދީފައި ވަނިކޮށް، ފަހަތުން އަރައި އިންޓަ އަށް ކުރި ލިބުނީ ޑިއެގޯ މިލިޓީ ކާމިޔާބުކުރި ދެލަނޑާއި ރޮޑްރިގޯ ޕެލޭސިއޯ ކާމިޔާބުކުރި ލަނޑުންނެވެ.

"އިންޓަގެ ކައުންޓާތައް ވަރަށް ވަރުގަދަ. އަހަރެމެންނަށް މެޗުގެ ކޮންޓްރޯލް ލިބުނު. އަދި ދެވަނަ ލަނޑެއް ކާމިޔާބުކުރަން ފުރުސަތު ވެސް ލިބުނު. އަހަރެމެން އިންޓަ އަށް ހުސް ޖާގަތަކެއް ދިނުމުގެ ސަބަބުން އަހަރެމެން ބަލިވީ. އެ މެޗުން އިންޓަ މޮޅުވުން ހައްގު." ކިއެލީނީ ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަދުވަހުގެ ރޭ އިންޓަމިލާން ނުކުންނަން ޖެހޭނީ ޑެންމާކުގެ ނޯޑްއެލެންޑްއާ ދެކޮޅަށެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.