06 Nov 2012, 10:21
އިޓަލީގެ ކްލަބު އޭސީ މިލާނަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް އެކުލަބުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ މިލާންގެ ސަޕޯޓަރުންގެ ކިބައިން އެދިއްޖެ އެވެ.
އުމުރުން 45 އަހަރުގެ ކޯޗު އެލްގްރީ އަށް ވަނީ މިސީޒަނުގައި މިލާނަށް ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް ނުކުޅެދިފަ އެވެ. މިލާންގެ ސީޒަން ފަށައިގަތީ ނާކާމިޔާބީތަކަކާ އެކު އެވެ. މިލާނަށް ރަނގަޅު ނަތީޖާތަކެއް ހޯދިދާނެ ކަމަށް ކޯޗު އަލެގްރީ ގަބޫލުކުރެ އެވެ.
"ދެ މަސްތެރޭ އެއްވެސް ޓީމެއް އެކުލަވައެއް ނުލެވޭނެ. އަހަރެންނަށް އެނގުނު މިކަމަކީ ވަގުތު ނަގާނެ ކަމެއްކަން. އަހަރެން ކުރިން ހީއެއް ނުކުރަން މިކަހަލަ ނަތީޖާތަކެއް ލިބިދާނެކަމެއް. އަހަރެން ހީކުރީ އަހަރެމެންނަށް ކާމިޔާބުތަކެއް ލިބި ނަސީބު އަތުގައި ހިފާނެކަމަށް. ރަނގަޅު ނަތީޖާއެއް ހޯދުމަށް އަހަރެން ވަގުތު ދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދެން. އަހަރު ނިމޭއިރު މިލާނަކީ ވާދަވެރި ޓީމަކަށް ވޭނެކަމުގެ ޔަގީންކަން އެބައޮތް." އަލެގްރީ ބުންޏެވެ.
މިލާން ދެން ކުޅެން ޖެހޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗެކެވެ. ޗެމްޕިއަންސް ލީގުގައި މިރޭ މިލާން ނުކުންނަން ޖެހޭނީ ގްރޫޕް ސީގެ އެއްވަނާގައި އޮތް ސްޕެއިންގެ މަލާގާއާއި ދެކޮޅަށެވެ. އީޓަލީގެ ސްޓޭޑިއޯ ޖިއުސެއްޕެ މީޒާގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 23:45 ގަ އެވެ.