ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕް"ގައި ހަ ޓީމް ބައިވެރިވެއްޖެ އެވެ.

އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާ މިމުބާރާތުގައި ބައިވެރި ވުމުގެ މުއްދަތު ހުސްވި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހަށް ހަމަވިި އރު، މުބާރާތުގައި ބައިވެރިވި ހަ ޓީމަކީ ސަން ހޮޓަލްސް އެންޑް ރިސޯޓް ޕްރެވައިޓް ލިމިޓެޑް، އިސްކަންދަރު ސްކޫލްގެ ޕީޓީއޭ، މޯލްޑިވްސް ނެސަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ބޯރޯޑް ކާސްޓިން ކޯޕަރޭޝަން، ލާމު ގައު ޓީމް އަދި މިނިސްޓްރީ އޮފް ހައުސިން ނެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މެނޭޖަރު އަހުމަދު ނިޔާޒް ވިދާޅުވީ، މިމުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާ އިރު، މުބާރާތުގެ ފޯރި ގަދަ ވެގެން ދާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ބޭރުގެ ދެ ކުޅުންތެރިން ގެނެވޭ އިރު، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ކޮންމެ ޓީމަކަށް ވެސް ފަސް ކުޅުންތެރިއަކު ކުޅެވޭނެ ކަމަށެވެ.

"ސަން އޮންލައިނަށް" މައުލޫމާތު ލިބިފައި ވާގޮތުން، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ސަންޓްރެވަލް އިން މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އަދި ބޭރުގެ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް އެޓީމުން ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ތިރީސް ފަސް މިނެޓުގެ ދެ ހާފް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 ޖަހާއިރު އެވެ.