06 Nov 2012, 09:31
ރިޔާޟް (ނޮވެމްބަރ 6): ސަޢޫދީ ދާޚިލީ ވަޒީރު ކަމުގެ މަޤާމަށް އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ، އައު ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ.
މިމަޤާމަށް ޢައްޔަންކުރެއްވީ މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒެވެ. މިއީ ޢަބްދުﷲ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަދި އައު ދާޚިލީ ވަޒީރު މުޙައްމަދު ބިން ނާއިފް އަކީ ސަޢޫދީ އަރަބިޔާގައި ދިގު މުއްދަތަކަށް ދާޚިލީ ވަޒީރުކަން ކުރެއްވި ނާއިފް ބިން ޢަބްދުލްޢަޒީޒްގެ ފިރިހެން ދަރިކަލުންނެވެ. ނާއިފް އަވަހާރަވީ މިދިޔަ ޖޫން މަހުގަ އެވެ. އޭރު އޭނާއަށް ވަނީ ދާޚިލީ ވަޒީރުކަމުގެ އިތުރުން ވަލީއުލްޢަހްދު ކަމުގެ މަޤާމު ވެސް ލިބިވަޑައިގެންފަ އެވެ.
ސަޢޫދީ ދާޚިލީ ވަޒީރު ކަމުގެ މަޤާމުގައި މިހާތަނަށް ހުންނެވީ ޢަބްދުﷲ ރަސްގެފާނުގެ ކޮށްކޯފުޅެއް ކަމަށްވާ އަހްމަދު ބިން ޢަބްދުލްޢަޒީޒެވެ. ފަސް މަސް ދުވަހަށް ވުރެ ކުރު މުއްދަތެއްގައި މިމަޤާމުގައި ހުންނެވި އަޙްމަދު ބިން ޢަބްދުލްޢަޒީޒް މިމަޤާމުން ވަކިކުރެއްވީ އޭނާ އެދިވަޑައިގަތުމުގެ މަތިންކަމަށް ސަޢޫދީ ރަސްކަމުގެ ދީވާނާ ޙަވާލާދީ އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ ޚަބަރުދެ އެވެ. ސަޢޫދީ ދާޚިލީ ވަޒީރު ކަމުގެ މަޤާމަށް އަލަށް ޢައްޔަން ކުރެއްވި މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒަކީ 1999 ވަނަ އަހަރުން ފެށިގެން އެޤައުމުގެ ދާޚިލީ ވަޒީރުގެ އެހީތެރިޔާގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ސައޫދީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ޙަރަކާތްތެރިވާ އެޤައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސައޫދީ ސަރުކާރުން ހިންގާ ޙަރަކާތްތަކުގެ މުގުލުގައި ހުންނެވީ ދާޚިލީ ވަޒީރުގެ އެހީތެރިޔާގެ ޙައްސިއްޔަތުން މުޙައްމަދު ބިން ނާއިފް އެވެ. ދެހާސް ތިނަކުން 2006 އަށް އަލްޤާޢިދާއާ ދެކޮޅަށް ސަޢޫދީ ސަރުކާރުން ހިންގި ސަލާމަތީ ޙަރަކާތްތަކުގެ އިސްމޭސްތިރިއަކީ ވެސް މުޙައްމަދު ބިން ނާއިފް އެވެ. މިކަމާގުޅިގެން އޭނާ އަވަހާރަކޮށްލުމަށް 2009 ވަނަ އަލްޤާޢިދާ އިން މަސައްކަތްކޮށްފައިވާ ކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފައިވެ އެވެ.(އަލްޖަޒީރާ)