06 Nov 2012, 09:18
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރި ހިސާބުން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން އެ މައްސަލައިގައި ސީރިއަސްވި އެވެ. މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި އެ ވާހަކަތައް ގަދަޔަށް ވަކިހިތްޕާލި އިރު ސިޔާސީ ޕާޓީތަކުން ވެސް އެންމެ ފޯރި ނަގާފައި ދެއްކީ އެ ވާހަކަ އެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ އެއްބަޔެއްގެ ނަޒަރުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތެވެ. އެއް ބަޔަކަށް އެއީ ދިވެހިންގެ މުދާ ވިއްކައިގެން ދިވެހިން ބިކަވުމެވެ.
ރާއްޖޭގެ މައި ދޮރާށި ބޭރު ބަޔަކަށް 25 އަހަރަށް އަދި ބޭނުވެއްޖެ ނަމަ 30 އަހަރަށް ވެސް އިތުރުކުރެވޭ ގޮތަށް ދިންދިނުމާއި އޭރުގައި އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ފާޅުގައިދެކޮޅު ހެދި އެވެ. އެފަރާތްތަކުން ބުނަމުން ދަނީ އެއާޕޯޓް ބޭރުބަޔަކަށް އެހާ ގިނަ ދުވަހަށް ހަވާލުކުރުމުން ދިވެހިންގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވެ ދިވެހިން ބިކަވެގެން ދާނެ ކަމަށެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެފަރާތްތަކުން ބުނަމުން ދަނީ އެއާޕޯޓް ދިވެހިންނަށް ނުލިބެނީހެން މަސައްކަތްތަށް ހުއްޓާނުލާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ޖީއެމްއާރް ފޮނުވާލުމުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިމްރާން އަބްދުﷲ ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ފަށާފައިވާ ހަރަކާތް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށާއި އެގޮތުން އެކި ފޯރަމްތަކުގައި ޖީއެމްއާރާ ދެކޮޅަށް އަޑު އުފުލައި ޖީއެމްއާރްއަތުން އެއާޕޯޓް އަތުލާނެ ކަމަށެވެ.
"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ލިބޭނެ. އެކަމަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެ. އެއަށް ވުރެ މާ ބޮޑެތި ކަންތައްތަކެއް މިރާއްޖޭގައި ހިނގާފައި އެބަހުރި. ޖީއެމްއާރަށް ވެސް ބުނެލަން އޮތީ އަވަހަށް ދާށޭ، މިތަނުން، އަވަހަށް ދާށޭ މިތަނުން،" އިމުރާން ވިދާޅުވި އެވެ.
އިމްރާނު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ވެސް ސަރުކާރުގައި ހިއްސާވާ ޕާޓިއަކަށްވާ އިރު އެ ޕާޓީން ވެސް އެއާޕޯޓުގެ މައްސަލައިގައި ޖިއެމްއާރުން ބޭނުންވަނީ ބޭރުކުރާށެވެ. ނަމަވެސް ސަރުކާރުގެ ސީދާ ބަހެއް އަދި ފިޔަވަޅެއް ވެސް އެ މައްސަލައިގައި ފެނިފައެއް ނެތެވެ. އަދި ސަރުކާރު ކޯލިޝަންގައި ވެސް އެ މައްސަލައިގައި ހިޔާލުތަފާތެވެ. މިހާރު އުފެދޭ ސުވާލަކީ މި ހިސާބުން ޖީއެމްއާރު ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ބާ އެވެ؟ ނޫނީ އެ ފިޔަވަޅު އެޅިދާނެ ބާ އެވެ؟
ޖީއެމްއާރާއި އެއާޕޯޓް ހަވާލުކޮށްފައި ވަނީ އެ ކުންފުއްޏަށް ވެސް ގެއްލުމެއް ނުވާނެ އެގްރިމަންޓެއްގެ ތެރެއިންނެވެ. އެ އެގްރިމެންޓަކީ މަގުމަތިން ބާތިލްކުރެވޭނެ އެގްރިމެންޓަކަށް ނުވާނެ އެވެ. ހަމަގައިމު ވެސް ޖީއެމްއާރް މަގުމަތިން ބޭރުކޮށްލެވިއްޖެ ނަމަ އެއީ ހަމަ ގައިމުވެސް ރާއްޖެ އަށް ކުރާނެ ފައިދާއަކަށް ވުރެ ބޮޑު ގެއްލުމަކަށް ވާނެ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފޮރިން އިންވެސްޓަރުންނަކީ ގައުމަށް މުހިންމު ބަޔަކަށްވާ އިރު މިގައުމަކީ މަގުމަތިން އެގްރިމެންޓް ބާތިލް ކުރާ ގައުމެއްގެ ގޮތުގައި ލޭބަލް ކުރެވިއްޖެ ނަމަ އެއީ ގައުމުގެ އިގްތިސާދަށް ވެސް ކުރާނެ ބޮޑު އަސަރެކެވެ.
އެގްރިމެންޓް ބާތިލްކުރަންޖެހޭނީ ސަރުކާރާއި ޖީއެމްއާރް މަޝްވަރާކޮށްގެން ކަމަށްވާ އިރު މިއަދުގެ ސަރުކާރަށް ވެސް ނުވަ މަސް ފާއިތުވީ އިރު ފިޔަވަޅެއް އެޅުމުގެ މަޝްވަރާތަކެއް ކުރެވިފައެއް ނުވެ އެވެ. ދައުލަތަށް ލިބޭ ގެއްލުން ފޫބެއްދުމަށް މަޝްވަރާ ކުރުމުގެ ބަދަލުގައި ޖީއެމްއާރުން ބޭނުން ކަންތައްތަކެއް ކުރުމަށް މަޝްވަރާތަކެއް ކުރެވިފައިވާހެން ވެސް ހީވެ އެވެ.
"އަޅުގަނޑުމެން މިހާތަނަށް ވެސް ޖީއެމްއާރާ އެކު މަޝްވަރާ ކުރީ އެކި ފަހަރު އެގޮތަށް ދިމާވެފައި ހުރި ކަންތައްތަކާ ގުޅޭގޮތުން. މިސާލަކަށް ރަންވޭގެ މައްސަލައާ މިހެންގޮސް ހުށަހެޅި އެކި ކަންކަމާ ގުޅޭ ގޮތުން، އެގްރިމަންޓް ބަދަލުކުރުމަކަށް މަޝްވަރާއެއް ނުކުރެވޭ،" އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުން ސަރުކާރަށް ވެސް އަދި އިއްތިހާދުވެފައިވާ ޕާޓީތަކުގެ ކުރިމަތީގައި ވެސް އޮތީ ދެގޮތެކެވެ. އެއީ އެގްރިމަންޓް އިސްލާހުކޮށް ޖީއެމްއާރާ އެކު ކުރިއަށް ދިޔުމެވެ. އަނެއްގޮތަކީ އެގްރިމަންޓް ޓާމިނޭޓްކޮށް ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމެވެ. ނަމަވެސް އެއީ ތަންކޮޅެއް އުނދަގޫގޮތެކެވެ. އެކަމަށް 700 މިލިއަން ޑޮލަރު ސަރުކާރުން ޖީއެމްއާރަށް ދޭންޖެހެ އެވެ.
ސަރުކާރުގެ ބަސްމިހެން ހުރި އިރު ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޑިއާރްޕީ ފިޔަވައި އެހެން ޕާޓިތަކުން ދަނީ ޖީއެމްއާރްއަތުން އެއާޕޯޓް އަތުލުމަށް ގިނަ މަސައްކަތެއް ފަށާފަ އެވެ. އެގޮތުން ޖީއެމްއާރާއި ދެކޮޅަށް މުޒާހަރާކޮށް އެތައް ހަރަކާތްތަކެއް ދަނީ ހިންގައުމުންނެވެ. ޖީއެމްއާރު މައްސަލާގައި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވީ ޖީއެމްއާރު ކުންފުންޏާ ދެކޮޅަށް ސަރުކާރު ހިންގަން ތިބި ޕާޓީތަކުން މުޒާހަރާ ކުރަން ނުކުތުމަކީ "ހަމަޖެހޭ ކަމެއް ނޫން،"ކަމަށެވެ.
ސަރުކާރާއި ގުޅުން ހުރި އިއްތިހާދުގެ ތެރޭގައި ވެސް ޖީއެމްއާރާ ދޭތެރޭ ހިޔާލްތަފާތުވުންތަކެއް އުޅޭ އިރު ޖީއެމްއާރަށް އެއާޕޯޓް ދިގުމުއްދަތަކަށް ދީފައިވާ އެމްޑީޕީއިން ބުނަމުންދަނީ ޖީއެމްއާރްގެ ސަބަބުން ދިވެހި ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޖީއެމްއާރުން އެއާޕޯޓު ހިންގާއިރު 25 އަހަރުގެ ތެރޭގައި ދައުލަތަށް 45 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ސަރުކާރުން އެއާޕޯޓް ހިންގަން ފެށުމުން އެ މުއްދަތުގެ ތެރޭގައި 60 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ބުނަމުންދާ އިރު ފައިސާގެ އެހާބޮޑު ފަރަގެއް ހުރުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާނެ ކަމެއް ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ މައިދާންތަކުގައި އެބަޔަކަށް މޮޅު ވާގޮތަށް ވާހަކަތައް ހުރި ނަމަވެސް ކަން އޮތީ މުޅިއަކުން އެހެނެއް ނޫނެވެ. ޖީއެމްއާރްގެ ފަރާތުން ދިވެހި ގައުމަށް ލިބެންޖެހޭ ފައިދާއެއް ނުލިބެ އެވެ. އޭގެ ބަދަލުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް ކޮންމެ ކުއާޓާއެއްގައި ވެސް އެތައް މިލިއަން ރުފިޔާއެއް އޮންނަނީ ދޭންޖެހިފަ އެވެ. އަދި މިހެން ގޮސް ބައިވަރެވެ.
މިހުރިހާ ކަމެއްވެސް މިހެން ހުރި އިރު ގަބޫލްކުރަން ޖެހޭ ހަގީގަތަކީ ބޭރުގެ ފަރާތްތަކުގެ އިތުބާރާއި އެމީހުން ބޭނުންވެގެން އިސްވެސްޓްކުރަން ޖެހޭ ގައުމަކަށް ގައުމު ހަދަންޖެހޭ ކަމެވެ. ދީފައިވާ މުއްދަތު ހަމަނުވަނީސް ނުވަތަ ބޭނުންވާހާ ހިނދެއްގައި އެގްރިމެންޓް ބާތިލްކުރާގޮތަށް ރާއްޖެ ލޭބަލްވެއްޖެ ނަމަ އެއީ މިގައުމަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. އެހެންކަމުން ޖީއެމްއާރު މައްސަލައިގައި ކުރިމަތީގައި އޮތީ ދެ ހައްލެކެވެ. އެއީ އެގުރިމެންޓަށް އިހުތިރާމްކޮށްގެން އެއަށް އިސްލާހު ގެނެސްގެން ޖީއެމްއާރާ އެކު ކުރިއަށް ދިއުމެވެ. ނޫނީ އެގުރިމެންޓް ގާނޫނުގައިވާ ވާގޮތުގެ މަތިން ބާތިލްކުރުމެވެ. އެދެގޮތުގެ ބޭނުންނުކޮށް ސިޔާސީ ފައިދާތަކެއް ހޯދުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް އެއީ ގައުމަށް ލިބޭނެ ބޮޑުގެއްލުމެކެވެ.