06 Nov 2012, 09:05
ވޮޝިންޓަން (ނޮވެމްބަރ 6) : އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު ދެބޭފުޅުންގެ ކޭންޕޭންގެ އެންމެފަހުގެ މަސައްކަތްތައް އަމާޒުކުރައްވަމުން ގެންދަވަނީ ވަކިކޮޅަކަށް ވޯޓުދިނުމަށް ނިންމާފައިނުވާ މީހުންގެ ވިސްނުން އަނބުރާލައި އެމީހުންގެ ވޯޓުތައް ހޯދުމަށް ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މުޙައްލިލުން ބުނާގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަރޯސާވެގެންދާނީ ފްލޮރިޑާ، ވާޖީނިޔާ، ނިއުހެމްޝަރ، އިއެވާ، އޮހާޔޯ، މެޑިސޮން، ވިސްކިންސަން، ޕެންސިލްވީނިޔާ، ނިޔުޔޯކް މިސްޓޭޓްތަކުން ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވޯޓުގެ މައްޗަށެވެ. އިންތިޚާބުގެ އެންމެ ފަހުގެ މަރްޙަލާގައި ދެ ބޭފުޅުންގެ ކޭންޕޭން ވެސް އަމާޒުކުރައްވާފައި ވަނީ މިސްޓޭޓްތަކަށެވެ. މިސްޓޭޓްތަކުގެ އިތުރުން އެމެރިކާގައި އާބާދީ ބޮޑު އިތުރު ހަ ސްޓޭޓުން ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވޯޓަކީ ވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ވޯޓެކެވެ.
މިސްޓޭޓްތަކުގެ ތެރޭން ރޮމްނީ މިއަދު ކޭންޕޭން ކުރިޔަށް ގެންދަވާނީ އޮހާޔޯ އާއި ޕެންސިލްވީނިޔާގަ އެވެ. އޮބާމާ މިދިޔަ އާދީއްތަ ދުވަހު ވަނީ މިދެސްޓޭޓަށް ޒިޔާރަތްކުރައްވާފަ އެވެ. އޮބާމާ އިއްޔެ ވަނީ އިއެވާ އާއި މެޑިސޮން އާއި ވިސްކިންސަން އާއި އޮހާޔޯއަށް ޒިޔާރަތް ކުރައްވާފަ އެވެ. އެމެރިކާގެ އެންމެ އާބާދީ ބޮޑު ނުވަ ސްޓޭޓްގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ އެންމެ ފަހުގެ ސާވޭތަކުން ވެސް ދައްކަނީ ވަރަށް ކުޑަ ތަންކޮޅެއް އޮބާމާ ކުރީގައިވާތަނެވެ. މިގޮތުން ރޮމްނީއަށް 46 ޕަސެންޓް ތާއީދު އޮތްކަން ހާމަވެފައިވާ އިރު އޮބާމާ އަށް 47 ޕަސެންޓް ތާއީދުއޮތްކަން ހާމަވެފައިވެ އެވެ. ނަމަވެސް އެރާމާޖިން 2.5 ޕަސެންޓްގައި ވާތީ މިއީ ދެބޭފުޅުންގެ ތާއީދު ދާދިއެއްހަމައެއްގައި ވުންކަމަށާއި އެހެންކަމުން މިއަދު ފެށޭ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްކަން ލަފާކުރަން ދަތިކަމަށް މުޙައްލިލުން ދެކެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދުކަމުގައިވި ނަމަވެސް ކުރިން ވޯޓުލުމަށްހަމަޖެހިފައިވާ ސްޓޭޓްތަކުގައި ވޯޓުލުން މިދިޔަ އާދިއްތަ ދުވަހުވަނީ ނިމިފަ އެވެ. މިއީ ކުދި ސްޓޭޓްތަކެވެ. ކުދި ސްޓޭޓްތަކުގެ ގޮތުގައި ފާހަގަކުރާ 34 ސްޓޭޓާއި ވެރިރަށް ވޮޝިންޓަން ހިމެނޭޑިސްޓްރިކްޓް އޮފް ކޮލަންބިޔާ ސަރަޙައްދުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ25 މިލިޔަން މީހުން ވޯޓުލުމުގެ ހުރިހާ ކަމެއް އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީނިމިފަ އެވެ.(ބީ.ބީ.ސީ)