ގަން އެއާޕޯޓް ޑިވަލޮޕްކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންގްސް އަށް ވިއްކާލާ މައްސަލަ ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެން އަފީފްގެ، ކާސާ އަށް އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވިއްކާލުމުގެ އެގްރިމަންޓްގައި މިރޭ ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ގަމު އެއާޕޯޓްގެ 30 ޕަސެންޓް ކާސާ އަށް ވިއްކާލާފައި ވަނީ، އެސްޓީއޯ އިން ބުނި ގޮތުގައި ބީލަމުގެ އުސޫލުންނެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެ މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ނިންމީ އެއާޕޯޓްގެ ހިއްސާ ވިއްކުމުގައި އެކި ތުހުމަތުތައްކޮށް އެ ވާހަކަ މީޑިޔާ އާއި އަދި ސިޔާސީ ޕޯޑިއަމްތަކުގައި އެކި ފަރާތްތަކުން ދައްކަމުން އަންނާތީ ކަމަށެވެ.

"އެގޮތައް އެފަދަ ކަމެއްގައި އެފަދަ ވާހަކައެއް ދެކެވެންޏާ އަޅުގަނޑުމެން އެފަދަ ކަންތައްތައް ބަލަން އަބަދު ވެސް ސަމާލުކަމެއް ދީގެން. އެގޮތަށް މި މައްސަލައިގައި ވެސް އެކި ތުހުމަތުތައްކޮށް އެކި ފަރާތްތަކުން މި ގޮތަށް ވާހަކަ ދައްކާތީ މި މައްސަލަ ބަލަން ނިންމާފައި ވަނީ. އެއީ ބަޔަކު ހުށަހަޅައިގެނެއް ނޫން،" ލުތުފީ ވިދާޅުވި އެވެ.

ކާސާ އަށް ހިއްސާ ގަން އެއާޕޯޓްގެ 30 ޕަސެންޓް ވިއްކުމާ އެންމެ ބޮޑު ދެކޮޅު ހައްދަވަނީ ވިޔަފާރިވެރިންގެ ސަފުގެ ކުރީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އޭނާ ވިދާޅުވެފައި ވަނީ 30 ޕަސެންޓް ހިއްސާ ކާސާ އަށް ވިއްކާލަނީ މާ ކުޑައަގެއްގައި ކަމަށާއި އެ ކަމުގައި ވަރަށް ބޮޑަށް ކޮރަޕްޝަންގެ އަމަލުހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ގަން އެއާޕޯޓް ޕްރޮޖެކްޓަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބެލެވޭ އިރު ކާސާ އަށް ހިއްސާ ވިއްކައިގެން އެ ކުންފުންޏަށް 200 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ނިންމައިފަ އެވެ.

ގަން އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ ޕްރޮޖެކްޓްގެ ދަށުން ގަމުގައި މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަންޓް ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރަންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.