ޖީއެމްއާރާއި ދެކޮޅަށް ގުޅިފައިވާ އިއްތިހާދުން މާލޭގެ އެކި ހިސާބުތަކުގައި ދަމާފައިވާ ބެނާތަށް މާލޭ ސިޓީ ކައުންސިލުން ނަގަމުންދާ ކަމަށް މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުސް އޮފީހުގައި ހުންނަވައި ސަން އަށް މިރޭ ދެއްވި އިންޓަވިއު އެއްގައި އަބްދުﷲ ވިދާޅުވީ މާލޭގެ އެކި ކަންކޮޅުތަކުގައި ގުޅިފައިވާ އިއްތިހާދުން ދަމާފައިވާ ބެނާތަށް ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލުން ނަގަމުން ގެންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ވެސް އެބަހުރި ކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖީއެމްއާރާއި ދެކޮޅަށް މާލޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެން ދަމާފައިވާ ބެނާތައް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ވަނީ އެ ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް ނަގަން ފަށާފައި. ސިޓީ ކައުންސިލްގެ މުވައްޒަަފަކު ވެސް އަޅުގަނޑުމެންނަށް މައުލޫމާތު ދިންގޮތުގައި މާލޭގެ މޭޔަރު އެބޭފުޅުންނާއި ބައްދަލުކޮށް ބެނާތައް ނަގަން އަންގާފައި ވަނީ. ބެނާތައް ނަގަނީކީ ނުނޭ އިނގޭތޯ. އެހެރީ ބެނާތައް ކަނޑާފައި. ފޮޓޯއާއި ވީޑިއޯ ވެސް އެބަހުރި. އެހެންވެ މިހާރު ފުލުސް އޮފީހަށް މިރޭ އަޅުގަނޑުމެން މައްސަލަ މިހުށަހެޅީ،" އަބްދުﷲ ވިދާޅުވި އެވެ.

އެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު މިރޭ ސަން އޮންލައިންއަށް ވިދާޅުވީ ގަވާއިދާއި ހިލާފަށް ދަމާވެފައިވާ ބެނާތައް ސިޓީ ކައުންސިލްގެ މުުވައްޒަފުން މެދުވެރިކޮށް އަބަދުވެސް ނަގަމުން އަންނަ ކަމަށާއި އިއްތިހާދުވެސް ގަވާއިދާއި ހިލާފަށް ބެނާތައް ދަމާފައިވާނަމަ އެ ބެނާތައްވެސް ނަގާނެ ކަމަށެވެ.

"ކޮންމެހެން ޖީއެމްއާރާއި އިދިކޮޅު އެއްޗެއް ދަމާތީ އެއެއްޗެއް ނަގަން އަޅުގަނޑުމެން ނިންމާފައެއް ނުވާނެ. ކޮންމެ ބަޔަކު ބެނާ ދެމިކަމަށް ވިޔަސް ގަވާއިދާއި ހިލާފަށް ދަމާފައިވާ ބެނާއެއްކަމަށް ވާނަމަ އެއެއްޗެއް އަޅުގަނޑުމެން ނަގާނަން،" ސުޖާއު ވިދާޅުވި އެވެ.

ފުލުހުންވެސް ބުނީ އިއްތިހާދު ޖީއެމްއާރާ ދެކޮޅަށް ދަމާފައިވާ ބެނާތައް ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް ބުނެ އެ ފަރާތުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.