ވޮޝިންޓަން (ނޮވެމްބަރު 5): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މާދަމާ ވޯޓުލުމަށް ހަމަޖެހިފައިވާ އިރު އެމެރިކާގެ މުސްލިމުންގެ ވޯޓަކީ ރައީސް ބަރަކް އޮބާމާ އަށާއި އޭނާގެ ވާދަވެރިޔާ މިޓްރޮމްނީ އަށް ވެސް މުހިއްމު ވޯޓެއް ކަމަށް ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެ އެވެ.

އެމެރިކާގެ އިސްލާމީ ޖަމްޢިއްޔާ އެއްކަމަށްވާ އެމެރިކަން އިސްލާމިކް ރިލޭޝަންސް ސެންޓަރުން ސްޕޮންސާ ކޮށްގެން "ގީނީސީސް" ނަމަކަށް ކިޔާ މަޝްހޫރު ރީސާޗް ލީގަކުން ކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވާގޮތުގައި އެމެރިކާގެ އާބާދީގައި ހިމެނޭ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުދޭނެ ކަމަށް ބުނެފައި ވަނީ އޮބާމާ އަށެވެ. ނަމަވެސް 2008 ވަނަ އަހަރު އޮބާމާ އަށް ވޯޓު ދިން އިރު ހުރި ފޯރިއެއް މި އަހަރުގެ އިންތިޚާބުގައި މުސްލިމުންގެ ކިބައަކުނެތެވެ. ދެ ހާސް އަށް ވަނަ އަހަރު އެމެރިކާގެ މުސްލިމުންގެ 68 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ އޮބާމާ އަށެވެ.

އެ ދުވަސްވަރު އޮބާމާއާ ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް ޖޯންމެކޭން އަށް ވޯޓު ދިނީ މުސްލިމުންގެ އެންމެ ހަތް ޕަސެންޓް މީހުންކަން ރިޕޯޓްތަކުން ހާމަވެފައިވެ އެވެ. އެއީ އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔުބުޝް އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރައްވައި އެ ދެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަވާފައިވާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކުގެ ސަބަބުންނެވެ. އިސްލާމީ ދުނިޔެ އަށް އޮބާމާ އަށް ވުރެ ނުރައްކަލީ ރިޕަބްލިކަން ކެންޑިޑޭޓް މިޓްރޮމްނީ ކަމަށް ޚިޔާލު ހޯދި މުސްލިމުން ބުނެފައިވެ އެވެ.

މިސާވޭން ހާމަވާގޮތުގައި މުސްލިމުންގެ 25 އިންސައްތަ މީހުން ވޯޓުދޭނެ ފަރާތެއް އަދި އިޚްތިޔާރެއް ނުކުރެ އެވެ. ނަމަވެސް އެމެރިކާގެ މުސްލިމުންގެ ތެރެއިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 90 އިންސައްތަ މީހުން ވޯޓުލާނެކަން ސާވޭން ހާމަވެފައިވެ އެވެ. މިސާވޭން ހާމަވާ ގޮތުގައި އެމެރިކާގެ މުސްލިމުންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން 66 އިންސައްތަ މީހުންނަކީ އޮބާމާގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ މީހުންނެވެ. އެމެރިކާގެ ކަނާތު ފިޔައިގެ ޚިޔާލު ގެންގުޅޭ އަދި އިސްލާމީ ގައުމުތަކާ މެދު ހަރުކަށި ސިޔާސަތެއް ތަންފީޒުކޮށްފައިވާ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތް ވަނީ ސިޔާސީ ޕާޓީތަކުގައި ބައިވެރިވެފައިވާ އެމެރިކާގެ މުސްލިމުންގެ ތެރެއިން 49 އިންސައްތަ މީހުންނެވެ.

އެމެރިކާގެ މުސްލިމުންގެ ވޯޓު އޮބާމާ އަށާއި ރޮމްނީ އަށް ވެސް މުހިއްމުވެފައި ވަނީ ދެ ބޭފުޅުން ވެސް ވަރަށް ގާތުން ވާދަކުރައްވާތީ އާއި ދެ ބޭފުޅުންގެ ދެމެދުގައިވާ ފަރަގު ކުޑަވެފައިވާތީ ކަމަށް އެމެރިކަން އިސްލާމިކް ރިލޭޝަންސް ސެންޓަރުން ހާމަކުރެ އެވެ. (އަލްޖަޒީރާ)