ނ. ކުޑަފަރީ މަގެެއްގެމަތިން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އެއްލައްކަ ރުފިޔާ އިން ޖޫރިނަމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލުމަށް މިއަދު ހުކުމް އިއްވާފައި ވަނީ ނ. ކުޑަފަރީ ކަރަންކާވިލާ، އަބްދުއްރަހީމް އަބްދުﷲގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އަބްދުއްރަހީމް ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން މި އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެ ރަށު މަގަކުން އޭނާ ހިނގާފައި ދަނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ފުލުހުން އޭނާ ހައްޔަރު ކުރި ވަގުތު ކޮތަޅަކަށްލާފައި އޮތް އެއްޗެއް ގަޔަށްލައި އޭނާ ބޮޑި ކުރުމުން ފުލުހުން އެކޮތަޅު ނަގައި ޗެކްކުރި އިރު އެ ކޮތަޅުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އަމިއްލަ ތަކެތި ކަމަށް އަބްދުއްރަހީމް ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރި އިރު އެއީ 138.7969 ގްރާމް ޑައިމޯފިން (ހެރޮއިން) ކަން ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

މީގެ އިތުރުން އޭނާ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ވެސް އޭނާގެ މައްޗަށް މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

".....މީނާގެ އަމިއްލަ އިއުތިރާފުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ބިނާކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން އަބްދުއްރަހީމް އަބްދުﷲ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ބުނެވި ދިޔަ މާއްދާގެ (ނ)ގެ ދަށުން އަބްދުއްރަހީމް އަބްދުﷲ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށް މި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އަބްދުއްރަހީމް އަބްދުﷲ އަށް އަންގައި މިގޮތުގެ މަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.