16 Sep 2010, 10:59
އެގްރިމެންޓްކޮށްފައިވާ ސައިޒަށް ވުރެ ބޮޑުކޮށް ތިލަފުށިން ބިން ބޭނުންކުރަމުންދާ ފަރާތްތަކުގެ ބިންތަކުގެ ކުލި ބޮޑުކުރަން ނިންމާފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފި އެވެ.
ސިނާއީ ބޭނުންތަކަށް ބިން ބޭނުންކުރާ ތިލަފުށިން، އެގްރިމެންޓާ ހިލާފަށް، އަދި ދީފައިވާ ސައިޒަށްވުރެ ބޮޑަށް ބައެއް ފަރާތްތަކުން ބިން ބޭނުން ކުރަމުންދާ ކަމަށާއި އެފަދަ ބިންތައް އެގްރިމެންޓްގައިވާ މިންތަކަށް ބަދަލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތިލަފުށީ ކޯޕަރޭޝަނަށް މިދިޔަ ހަފްތާގައި އަންގައިފަ އެވެ.
ތިލަފުށި ކޯޕަރޭޝަނުގެ ކޯޕަރޭޓް އެފެއާޒް އެންޑް ލީގަލް މެނޭޖަރު މުހައްމަދު ލަތީފު މިއަދު ވިދާޅުވީ، މިހާރު ތިލަފުށީގައި އެކިފަރާތްތަކުން ބޭނުންކުރަމުންދާ ބިންތަކަކީ އެ ކޯޕަރޭޝަނުން ތިލަފުއްޓާ ހަވާލުވުމުގެ ކުރިން ދޫކޮށްފައިވާ ބިންތަކެއް ކަމަށާއި އަދި މިހާތަނަށް އެ ކޯޕަރޭޝަނުން އެއްވެސް ބަޔަށް ބިން ދޫކޮށްފައި ނުވާނެ ކަމަށެވެ. އަދި އެރަށާ ހަވާލުވުމަށް ފަހު ހިންގި ޓޮޕޮގްރަފިކް (ބިމާ ބެހޭ) ސަވޭ އަކަށް ފަހު، ބައެއް ބިންތައް އެގްރިމެންޓްކޮށްފައިވާ މިންވަރަށް ވުރެ ބޮޑުކޮށް އެ ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ބޭނުންކުރަމުންދާކަން ކޯޕަރޭޝަނަށް ފާހަގަކުރެވުނު ކަމަށާއި އެކަން އޭސީސީގެ ސަމާލު ކަމަށް ގެނައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންޓި ކޮރަޕްޝަނުން އެ ވިދާޅުވާ ބިންތަކުގެ ވާހަކަ އެންމެ ފުރަތަމަ ފާހަގަކުރީ އަޅުގަނޑުމެން. އެއީ އަޅުގަނޑުމެންނާއި ތިލަފުށި އެންމެ ފުރަތަމަ ހަވާލުކުރި އިރު އެ ރަށުގެ ޓޮޕޮގްރަފިކް ސަވޭއެއް ހެދީ. މި ސަވޭއިން މި ދެންނެވި ބިންތަކުގެ މިންތައް ދިމާނުވާކަން އެނގުނީ" ލަތީފް ވިދާޅުވި އެވެ.
އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށްޓަކައި، އެ ކޯޕަރޭޝަނުން ލޭންޑް ވެރިފިކޭޝަން ސަވޭއެއް މިހާރު ކޮށްފައިވާ ކަމަށާއި އެ ސަރވޭއަށް ބިނާކޮށް، ތިލަފުށިން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ އެގްރިމެންޓް އިސްލާހުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސައިޒު އިތުރުވާ ބިންތަކުގެ ކުލި ބޮޑުކުރާނެ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރަން ގަސްތުކުރާ ކަމަކީ ހުރިހާ އެގްރިމެންޓްތައް އިސްލާހުކޮށް، އަކަފޫޓު އިތުރާ ބިންތަކުގެ ކުލި ބޮޑުކުރަނީ، އެ ޓެނެޓުން [ބިން ކުއްޔަށް ހިފާފައިވާ ފަރާތްތައް] އަސްލު ބިން ބޭނުންކުރަމުންދާ ވަރަށް"
ނަމަވެސް، އަގުބޮޑުކުރުމައި ގުންގުޅޭނީ ކޮން އުސޫލެއްތޯ ދެންނެވުމުން ލަތީފް ވިދާޅުވީ، ކުލި ބޮޑުކުރާނެ ގޮތަކާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ސާކިއުލައެއް ތިލަފުށީ ކޯޕަރޭޝަންގެ ލީގަލް ޓީމުން ނެރޭނެ ކަމަށާއި ކުލި ބޮޑުކުރުމުގައި ކުންފުންޏަށް ފައިދާވާނެ ގޮތެއް ބައްލަވާނެ ކަމަށެވެ.