ގަން އެއާޕޯޓް ޑިވަލޮޕްކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ޗަމްޕާ ހުސެން އަފީފްގެ، ކާސާ ހޯލްޑިންގްސް އަށް ވިއްކުމުގެ އެގްރިމަންޓްގައި މިރޭ ސޮއިކޮށްފި އެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓާ އަދި އެސްޓީއޯގެވެސް އެމްޑީ ޝާހިދު އަލީ ސަން އޮންލައިން އަށް މިރޭ ވިދާޅުވީ އެގްރިމަންޓްގައި ސޮއި ކުރީ މިރޭ 8:30ގައި އެސްޓީއޯގެ ހެޑްއޮފީހުގައި ކަމަށެވެ. އޭއައިއޭގެ ފަރާތުން ޝާހިދު ސޮއިކުރެއްވި އިރު ކާސާގެ ފަރާތުން ސޮއިކުރެއްވީ ޗަމްޕާ މުހަންމަދު މޫސާ (އުއްޗު) އެވެ.

ޝާހިދު ވިދާޅުވީ ހިއްސާ ވިއްކުމުގެ އެގްރިމަންޓްގައި ސޮއި ކުރީ ފިނޭންސް މިނިސްޓްރީން އެކަމުގެ ހުއްދަ މިއަދު ދިނުމުން ކަމަށެވެ. ޝާހިދު ވިދާޅުވީ ކާސާ އަށް އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ވިއްކީ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހަރަދުވާނެ ކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން ހިއްސާ ވިއްކައިގެން އެ ޕްރޮޖެކްޓަށް 200 މިލިއަން ރުފިޔާގެ އިކުއިޓީއެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ގަމުގައި މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަންޓް ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރަންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކޮށް، އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭއައިއޭއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯ އަދި ގަން އެއާޕޯޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްއެކެވެ. އެ ކޮންސޯޓިއަމް އަށް ގަން އެއާޕޯޓް ހަވާލުކޮށްފައި ވަނީ 50 އަހަރަށެވެ.

ގަން އެއާޕޯޓް ތަރައްގީކުރާ ކުންފުނީގެ ހިއްސާ ކާސާ ހޮލްޑިން އިން ގަންނަން އުޅޭ ވާހަކަތަކާ ގުޅިގެން ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޗަންޕާ އަފީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ގަން އެއާޕޯޓްގެ 30 ޕަސެންޓް ކާސާ އަށް ވިއްކާލާފައި ވަނީ، އެސްޓީއޯ އިން ބުނި ގޮތުގައި ބީލަމުގެ އުސޫލުންނެވެ.