05 Nov 2012, 19:54
މިއަދު ހެނދުނު މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ހައްޖުވެރިއެއްގެ ފަޔަށް ވެހިކަލެއްގެ ފުރޮޅު އަރައި އަނިޔާތަކެއް ލިބިއްޖެ އެވެ.
ރާއްޖޭގެ ހައްޖު މިޝަންގެ އިސްވެރިޔާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ މިރޭ ވިދާޅުވީ އެކްސިޑެންޓްވެ ގެއްލުން ލިބިފައި ވަނީ ސަލާހު ޝިހާބުގެ އަނބިކަބަލުންގެ ފަޔަށް ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ދީދީ ވިދާޅެއްނުވެ އެވެ.
މުހައްމަދު ދީދީ ވިދާޅުވީ އޭނާ މަގުމަތީގައި ހުއްޓައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކަހަލަ ވެހިކަލަކުން އޭނާގެ ގައިގާ ޖެހުމުގެ ސަބަބުން އޭނާގެ ފައިތިލައިގެ ހަންގަނޑު އެއްކޮށް ނައްޓައިގެން ގޮސްފައިވާ ކަމަށެވެ.
އެކްސިޑެންޓްވުމާ އެކު ވަގުތުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ދީދީ ވިދާޅުވި އެވެ. އަދި އޭނާ ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވައި ދީދީ ވިދާޅުވީ ފައި ރަނގަޅުކުރުމަށް ޖެހޭނީ ފަލަމަސްގަނޑުން ހަންގަނޑެއް ނަގާފައި ސާޖަރީ އެއް ހަދަން ކަމަށެވެ. އަދި ވިދާޅުވީ ސާޖަރީ ހަދަން ބޭނުންވަނީ މާލެއިން ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާތީ މާދަމާ އޭނާ ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ފައިތިލައެއްގެ ހަންގަނޑު އެއްކޮށް ނައްޓައިގެން ދިޔުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް އޭނާ އަށް ލިބިފައެއް ނެތް،" ދީދީ ވިދާޅުވި އެވެ.
ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގްރޫޕް އިއްޔެ މެންދުރު ވަނީ މާލެ އައިސްފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދި އަރަބިއަން ފްލައިޓުގައި އިއްޔެ ރާއްޖެ އައި 246 މީހުންނަކީ ފަތުހު ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ކަމަށެވެ.
މީގެ އިތުރުން ބުދަ ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރިން ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު ހައްޖުވެރިންގެ އެންމެ ފަހު ފްލައިޓް ރާއްޖެ އައުމަށް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ދުވަހު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.