ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އުފެއްދި މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ އުވާލަން ނިންމައި އެކަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެންޓަޓެއިންމަންޓް ކޮމްޕެނީއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެންޓަޓެއިންމަންޓް ކޮމްޕެނީ އުވާލަން ނިންމާފައިވާތީ އެ ކުންފުނި އުވާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ލިކުއިޑޭޓަރެއް އައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ލިކުއިޑޭޓަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27ގެ ކުރިން އެސްޓިމޭޓް ހުށަހެޅުމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން މި މަހުގެ 20ގައި އޮންނާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ލިކުއިޑޭޓަރެއް އައްޔަން ކުރުމަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ލާޒިމްކުރާ ކަމެކެވެ.

އެ ކުންފުނި އުވާލަން ނިންމީއިރު އެ ކުންފުނީގެ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ފެންމަތިކޮށްފަ އެވެ. އެގޮތުން އެ ކުންފުނި ހިންގަން ދިން އެއްމިލިއަން ރުފިޔާ ވީނުވީއެއް ނޭންގި ގެއްލުމާއި އެ ކުންފުނި އުފެއްދުމަށް ފަހު ކުންފުންޏަށް ބަދަލުކުރި އެސެޓްގެ ތަފްސީލްތައް ފެންނަން ނެތުމުން ކުންފުނީގެ ބައެއް ތަކެތި ގެއްލިފައިވާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.