މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގާފައިވާ މަލީޝާ ހައްޖު އެންޑް އުމުރާ ގްރޫޕުގެ އިސްފަރާތް، ހުޅުމާލެ، އާފިނި ވިލާ، އިސްމާއިލް އަބްދުލްލަތީފު 42އ. މެލޭޝިޔާގައި އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިންޓަޕޯލުން ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވާ މަލީޝާ ޖަމާއަތުގެ ވެރިޔާ އިސްމާއިލް އަބްދުލް ލަތީފު އަދިވެސް ހޯދިފައި ނުވާ މައްސަލާގައި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ މިއަދު ވަނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

ފުލުހުންގެ ފަރާތުން ކޮމެޓީއަށް ވަޑައިގެންނެވި ސްޕްރިޓެންޑެންޑް އޮފް ޕޮލިސް މުހަންމަދު ރިޔާޒު ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް އިންޓަޕޯލާ ގުޅިގެން ކުރަމުންދާއިރު، މަލީޝާގެ ވެރިޔާ މެލޭޝީޔާގައި އުޅޭ ކަމަށް މައުލޫމާތު ލިބިފައިވުމުން އެކަމުގެ ހަގީގަތް ބަލަމުން އަންނަ ކަމަށެވެ. އެކަމުގެ ތަފްސީލް މައުލޫމާތު ލިޔުމުން ކޮމެޓީއަށް ހިއްސާ ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮމެޓީއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަލީޝާ ޖަމާއަތުން މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިޔައިރު، ހައްޖުވެރިން ތިބި ސައުދީ ހޮޓަލަށް ފައިސާ ދައްކާފައެއް ނުވެ އެވެ. އެގޮތުން ސައުދީ ހޮޓަލަށް 140،000 ސައުދީ ރިޔާލް (5،73،848ރ.) އަށް ވުރެ ގިނަ ފައިސާ ދައްކާފައި ނުވެ އެވެ. އަދި އެފައިސާ ދެއްކުމަށް އެ ޖަމާއަތަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ދައްކާފައި ނުވާތީ އެ ޖަމާއަތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޖިލީހަށް އަންގާފައިވެ އެވެ.

ހައްޖަށް ދިއުމަށްޓަކައި މަލީޝާ ޖަމާއަތަށް 175 މީހަކު ފައިސާ ދައްކާފައިވެ އެވެ. ކޮންމެ މީހަކު ދެއްކި 68000ރ. އާއެކު ޖުމްލަ 12 މިލިއަން ރުފިޔާ ވަނީ އެ ޖަމާއަތަށް ލިބިފަ އެވެ.

ހައްޖަށް ދިއުމުގެ އުންމީދުގައި ތިބި މީހުންނަށް އެފަދަ ބޮޑު ހިޔާނާތެއްވެފައިވާތީ އެ މައްސަލަ ކޮމެޓީން ބެލުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގެވެ. އެ މައްސަލާގައި މިހާތަނަށް ހިނގާފައިވާ ކަންތައްތައް ކޮމެޓީއާ ހިއްސާ ކުރުމުން، ކޮމެޓީން އެ މައްސަލައި އަމަލު ކުރާނެ ވަކި ގޮތެއް އަދި އަންގާފައެއްނުވެ އެވެ.