ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދައި މީގެ އަހަރެއްހާ ދުވަސް ކުރިން ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ވިޝާމް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ މިއަދު ކަމަށެވެ. އަދި ވިދާޅުވީ ވިޝާމް ހުށަހަޅާފައިވާ އެ މައްސަލައިގެ ފައިލާއި ގަޒިއްޔާގެ ހުރިހާ ލިޔެކިޔުންތައް ފޮނުވައި ދިނުމަށް މިއަދު ސިވިލް ކޯޓުގައި ދަންނަވާފައިވާނެ ކަމަށެވެ.

"އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ވަނީ ނިންމާފައި. އެއާ އެކީގަ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލެމުންދާނެ. މިއަދު ސިވިލް ކޯޓަށް ވެސް ދަންނަވާފަ ވާނެ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ފައިލް އާއި ގަޒިއްޔާގެ އެންމެހައި ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ފޮނުފައި ދިނުމަށް،" ސުޕްރީމް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދައި މައްސަލަ ހުށަހެޅުމުގެ ހުއްދަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް މިއަދު ދީފައި ވާނެ ކަމަށާއި ޖޭއެސްސީން މައްސަލަ ހުށަހަޅައި ރަޖިސްޓްރޭޝަންގެ ކަންތައް ނިމުމުން އެ މައްސަލައިގެ ޝަރީއަތް ފަށާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވިޝާމް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓަށް އެ މައްސަލަ ނުބެލެނޭ ކަމަށާއި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ދިނުމަށް މިދިޔަ އަހަރާއި އިއްޔެ ވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާއި މެދު ސުވާލު އުފައްދައި މިދިޔަ އަހަރުގެ ތެރޭގައި ވިޝާމް ހުށަހެޅި އެ މައްސަލަ މިހާތަނަށް ބަލާފައި ނުވާތީ ގިނަ ގާނޫނީ ވަކީލުންގެ ފާޑުކިޔުންތައް ވަނީ ސުޕްރީމް ކޯޓަށް އަމާޒުވެފަ އެވެ.