05 Nov 2012, 15:04
މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި 99 މިލިއަން ރުފިޔާ ދޫކުރަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމާ އެ ފައިސާ ދޫކުރުމަށް އެ މިނިސްޓްރީއަށް އެންގި ނަމަވެސް އެ ފައިސާ ދޫނުކުރެވިގެން އުޅެނީ ގާނޫނީ މައްސަލަތަކެއް އެކަމުގައި ހުރެގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ސަބްސިޓީ ދޫކުރުމުގެ އުސޫލުތަކެއް ކަނޑައަޅާ އެ ފައިސާ ދޫކުރަން ފިޝަރީޒް މިނިސްޓްރީއަށް މާލިއްޔަތު ކޮމެޓީން އެންގީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި މި މަހުގެ އެއްވަނަ ދުވަހު ސަބްސިޑީ ދޫކުރާނެ ކަމަށް އޭރު މިނިސްޓްރީން އިއުލާންކުރި އެވެ.
ސަބްސިޑީ ދިނުން ލަސްވާ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޝަފީއު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ މަސްވެރިންގެ ސަބްސިޑީ ދޫކުރުމަށް މަސައްކަތް ކުރި ނަމަވެސް މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އެއްވެސް ސަބްސިޑީއެއް ދޫކުރެވެން އަންނަނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ނަމަވެސް މަސްވެރިންނަށް ސަބްސިޑީ ދޫކުރުމަށް ގާނޫނެއްގައި ކަޑައެޅިފައި ނެތް ކަމަށެވެ. ގާނޫނީ މައްސަލަތަކަށް ހައްލެއް ނުގެނެސް ސަބްސިޑީ ދޫކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
"މާލިއްޔަތު ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް މައްސަލަތަކެއް މިކަމުގައި ފާހަގަވެފައި އޮތީ. އޮޑިޓާ ޖެނެރަލްވެސް އެ ކަންބޮޑުވުންތައް ފާޅުކުރައްވާފައި ވަނީ. މާލިއްޔަތު ގާނޫނުގައި އޮންނަ ގޮތުން އެއްވެސް ފަރާތަކަށް ގާނޫނެއް ނެތި ސަބްސިޑީއެއް ނުދެވޭނެ ވާހަކަ ދެކެވޭތީ އަޅުގަނޑުމެން އެކަމުގައިއޭޖީގެ ލަފައަކަށްވެސް ވާނީ ފޮނުވާފައި. އޭޖީ ވިދާޅުވީ އަސާސީ ހައްގެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ވިއްޔާ ކުރީގެ ސްޕްރީމް ކޯޓުގެ ރޫލިންއަށް ބަލާފައި އެދެ ވިދާނެ ކަމަށް ފެނޭ. ނަމަވެސް އޭގައި ގާނޫނީ މައްސަލަތަކެއް އެބައުޅޭ. އަޅުގަނޑުމެން މިތިބީ ސަބްސިޑީ ދިނުމަށް ތައްޔާރަށް، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން އަދިވެސް މިހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭޖީގެ ލަފައގައި ސަބްސިޑީ ދެވޭނެކަން ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން އެ މައްސަލައިގައި އިތުރު ލަފަޔަކަށް މާލިއްޔަތު ކޮމެޓީއަށް މިއަދު ލިޔެފައިވާ ކަމަށާއި ސަބްސިޑީ ދެވެން އަންނަނީ އެ މައްސަލަތައް ސާފުވެގެން ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތައް ހައްލުކޮށް އެ ފައިސާ މި މަހުގެ 15ގައި މަސްވެރިންނަށް ދޫކުރަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
"އޮޑިޓާ ޖެނެރަލްވެސް ވިދާޅުވާގޮތުން ވަކި ގާނޫނެއްގައި ކޮންމެ ސަބްސިޑީއެއްވެސް ކަޑައެޅިފައި އޮންނަން ޖެހެނީ. މިހުރިހާ ކަމެއް ހުރީމައި އެ ފައިސާ ދައްކާ ހަލާސްކުރަން މާލިއްޔަތު ކޮމެޓީން އެންގި ނަމަވެސް އެ ފައިސާ ދެވޭނީ ގާނޫނުގެ ތެރެއިން. އެހެންވެ މަޝްވަރާ ކުރަން މި އުޅެނީ މާލިއްޔަތު ކޮމެޓީއާ. އަޅުގަނޑުމެން މިދަނީ އެ ފައިސާ ދޫކުރަން ކުރެވެން ހުރި މަސައްކަތެއް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓްގައި މަސްވެރިންގެ ސަބްސިޑީއަށް ފައިސާ ހިމަނާފައި އޮތް ނަމަވެސް މިއަހަރުގެ މިހާތަނަށް އެ ފައިސާ ދޫނުކޮށް ހިފަހައްޓާފައި ވަނީ މާލިއްޔަތު ކޮމެޓީން އެކަމުގައި އުސޫލުތަކެއް ކަނޑައަޅާފައި ނުވާތީ އެވެ. މާލިއްޔަތު ކޮމެޓީގެ ހުއްދަ ލިބުމަށް ފަހުވެސް އެ ފައިސާ ދޫކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ގަރާރެއްވެސް ހުށަހަޅައިފަ އެވެ. އެ ގަރާރު ބަލައި ގަނެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
މަސްވެރިންނަށް ދޫކުރަން ބަޖެޓްގައި ކަނޑައެޅިފައި ވަނީ 100 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެތެރެއިން އެއްމިލިއަން ރުފިޔާ ހަރަދުގެ ގޮތުގެ ހޭދަކުރުމުގެ ހުއްދަ މާލިއްޔަތު ކޮމެޓީން ވަނީ ދީފަ އެވެ.