05 Nov 2012, 14:06
ހިލޭސާބަހަށް މަސައްކަތް ކުރާ އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ނޮލެޖް ރިސޯސް ޑިވެލޮޕްމެންޓް އެންޑް ވެލްފެއާ އިންދޭ އެވޯޑެއް ކަމަށްވާ "ހެލްތުކެއާ ލީޑަޝިޕް އެވޯޑް" މިއަހަރު އޭޑީކޭ ހޮސްޕިޓަލަށް ލިބިއްޖެ އެވެ.
އޭޑީކޭ އަށް އެވޯޑްދިނީ ސިއްހީ ދާއިރާ އަށް އެ ހޮސްޕިޓަލުން ކޮށްދީފައިވާ ފާހަގަކޮށްލެވޭ ފަދަ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް އޭޑީކޭ އިން ބުންޏެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ މެންދުރު ފަހު އޮތް ހަފުލާއެއްގައި ދިން އެވޯޑާ އޭޑީކޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ހޮސްޕިޓަލުގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު އަފްއާލް އެވެ.
އިންޑިއާގައި ގައުމީ ފެންވަރުގައި ހަރަކާތްތެރިވަމުން އަންނަ ނޮލެޖް ރިސޯސް ޑިވެލޮޕްމެންޓް އެންޑް ވެލްފެއިން ކުރިން އިސްކަންދެމުން އައީ ތައުލީމީ ދާއިރާ އަށް ކަމަށް ވިޔަސް އެޖަމާއަތުގެ ހަރަކާތްތައް ކުރިއަށް ގެންދާ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އިންޑިއާއާއި އެހެން ގައުމުތަކުގެ ފަރާތްތައް ހިމެނޭ ގޮތުން 30 ފަރާތަކަށް އެޖަމާއަތުން މިއަހަރު އެވޯޑް ދިނެވެ. އެވޯޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ނޭޕާލާއި ޓްރިޑާޑް އެންޑް ޓޮބޭގޯއާއި ޔޫއޭއީގެ ފަރާތްތައް ހިމެނެ އެވެ.
އެވޯޑް ލިބުމުން އޭޑީކޭ އިން ބުނީ ސިއްހީ ދާއިރާ އިން އެފަދަ އެވޯޑެއް ލިބުން ފުރަތަމަ ތަނަށް ވާތީ އެ ހޮސްޕިޓަލުން ފަހުރުވެރިވާ ކަމަށެވެ.