16 Sep 2010, 10:58
ރީބްރޭންޑްކޮށް ފައިވާ ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑުގެ ހިއްސާ ނުވިއްކުމަށާއި އެ ދެތަނުގެ އާކައިވާއި ކުޅެ، ބަދަލުކޮށް ތަންތަނަށް ގެއްލުން ދިނުން ހުއްޓައިލުމަށް އެމްއެންބީސީ އަށް އަމުރުކޮށް ދިނުމަށް އެމްބީސީން މަދަނީ ކޯޓުގައި އެދެފި އެވެ.
ފިނޭންސް މިނިސްޓްރީ އަށް ދައުވާ ލައްވާ ގޮތަށް އެމްބީސީން ދައުލަތުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގައި މިއަދު އެމްބީސީން ޝަރީއަތުގައި ބުނީ ވީހާ ވެސް އަވަހަކަށް އެ އަމުރު ނެރެދެއްވުމަށެވެ. ޓީވީ އާއި އަޑުގެ ހިއްސާ ވިއްކުމާއި އެ ދެތަނުގެ އާކައިވް ބަދަލު ކުރުމާއި ނައްތާލުމާއި އެއްވެސް ތަނަކަށް ބަދަލު ކުރުން ފަދަ، ކުރަމުންދާ ކޮންމެ ކަމެއްވެސް އެ އަމުރު މެދުވެރިކޮށް ހުއްޓުވައި ދިނުމަށެވެ.
މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އެކަމަށް އިންކާރު ކުރާ ކަމަށެވެ.
ކުރީ ދުވަހުގެ މައްސަލައިގައި އެމްބީސީން ދައުވާ ހުށަހެޅި އިރު އެމްބީސީން ގެއްލުމުގެ ތަފުސީލު ހުށަހަޅާފައި ނުވާތީ ދައުލަތުން ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. އެއަށް ޖަވާބު ދެމުން އެމްބިސީން ބުނީ އެ ކުންފުންޏަށް ބްރޯޑްކާސްޓަރެއްގެ ދައުރު އަދާ ނުކުރެވިދާ ކޮންމެ ދުވަހަކީ ގެއްލުން ކަމަށާއި ނަމަވެސް ގެއްލުމުގެ ބައި ފަހުން ވަކި ދައުވާއެއްގެ ގޮތުގައި ކުރާނެ ކަމަށެވެ.