05 Nov 2012, 14:00
އަންހެނުން ފުޓްބޯޅައަށް ޝައުގުވެރިކޮށް އެކުޅިވަރު ރާއްޖޭގެ އަންހެނުންގެ މެދުގައި ތަރައްގީ ކުރެވިދާނެ ކަމަށް ރާއްޖެ އަށް ވިވަގުތު އައިސް އުޅޭ ފީފާގެ އަންހެން އިންސްޓެކްޓަރެއް ކަމަށްވާ މާޓިނޭޒް ލަގުނަސް ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން މިއަދު ފެށި ފުޓްބޯޅަ ކޯޗިން ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނުމަށްއާ ފީފާގެ އިންސްޓެކްޓާ މާޓިނޭޒް ލަގުނަސް ބުނީ، ދުނިޔޭގެ ގިނަ ބަޔަކު ލޯބިކުރާ އެއް ކުޅިވަރަކީ ފުޓްބޯޅަ ކަމަށާއި އެގޮތުން އެކުޅިވަރު އަންނަނީ ދުވަހެއް ދުވަހަކަށް ތަރައްގީ ވަމުން ކަމަށެވެ. އަދި ފުޓްބޯޅައަކީ ހަމައެކަނި ފިރިހެނުންގެ މެދުގައި ކުޅޭވޭ ކުޅިވަރަކަށް ނުވާ އިރު، އެކުޅިވަރު މިއަދު އަންހެންނުންގެ މެދުގައި ވެސް ވަނީ ވަރަށް ފޯރިގަދަ ކުޅިވަރެއްގެ ގޮތުގައިވެފައި ކަމަށެވެ.
"ދުނިޔޭގައި އަންހެނުންގެ ފުޓްބޯޅަ ވެސް ވަރަށް ކުރިއަރައިފި. އެކުޅިވަރު އަންހެނުންގެ މެދުގައި އާލާކޮށް ދިރުވުމަށް ފީފާއިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރޭ. އަދި އަންހެނުން މިކުޅިވަރަށް ޝައުގުވެރި ކުރުމަށް ފީފާ އިން ދަނީ ތަފާތު ކަންތައްތަކެއް ދުނިޔޭގެ އެކިއެކި ކަންކޮޅު ތަކުގައި ކުރަމުން،" މާޓިނޭޒް ލަގުނަސް ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭގެ އަންހެނުންގެ މެދުގައި ފުޓްބޯޅަ އާލާ ކުރެވިދާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ފުޓްބޯޅައާ ބެހޭއިދާރާ އިން އެ މަސައްކަތް ކުރައްވަމުން އަންނާތީ އުފާވާ ކަމަށެވެ.
މެކްސިކޯއަށް އުފަން ފީފާގެ އިންސްޓެކްޓާ މާޓިނޭޒް ލަގުނަސް ޖަރުމަނުގައި ދިރިއުޅެމުން އަންނަ އިރު، އޭނާ ވަނީ މީގެ ކުރިން ޖަރުމަންގެ 17 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމުގެ ކޯޗްކަން ވެސްކޮށްފަ އެވެ.